އެމްޑީޕީ

ވިޕާ ހިލާފުވި ކަމަށް ބުނެ ފިޔަވަޅު އަޅަނީ ބޭއިންސާފުން: ވައްޑެ

އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް ބައެއް މެމްބަރުން އަމަލުކުރާކަމުގެ ތުހުމަތުކޮށް، އެ މެމްބަރުންނަށް ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި، އެއީ ބޭއިންސާފެއް ކަމަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުތަކަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށް ފިޔަވަޅު އަޅަމުންދާ މެމްބަރުންގެ ތެރޭގައި ގިނައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާ ހިލާފަށް ބައެއް މެމްބަރުން އަމަލުކުރެއްވި މައްސަލަތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓާއި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅި ބިލް ހިމެނެ އެވެ. މި މައްސަލާގައި ވައްޑެއަށް ވެސް ފިޔަވަޅު އަޅާފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް ވައްޑެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޕާޓީގެ ވިޕްލައިނަށް ތަބާނުވެއްޖެނަމަ އެ ސަބަބު ޕީޖީ ގްރޫޕްގެ ވިޕުން އަހާ އޮޅުން ފިލުވަން ޖެހޭނެ ކަމަށް ޕީޖީގެ ހިންގާ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އޭނާއާ މެދު ފިޔަވަޅު އަޅާފައިވަނީ ގަވާއިދާއި ހިލާފަށް ކަމަށެވެ.

ވައްޑޭ ވިދާޅުވީ ރައްޔިތުންގެ ސީދާ މަސްލަހަތާ ގުޅުންހުރި ކަމެއްގެ ބިލުގެ ބަހުސްގައި އޭނާ ފާހަގަކުރެއްވި އެއްވެސް ކަންބޮޑުވުމަކަށް އަޅާލުމެއް ނުބެހެއްޓެވި ތަނުގައި އޭނާއަށް ފިޔަވަޅު އެޅުމުގައި އަސާސީ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތު ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުން ކޮންމެ މީހަކަށް ލިބިދޭ ނަފްސު ދިފާއުކުރުމުގެ ހައްގުވެސް އޭނާއަށް ނުދީ އަޅާފައިވާ ފިޔަވަޅުތަކަކީ ސައްހަ ފިޔަވަޅުތަކެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ.

މީގެ އިތުރުން ވައްޑެ ވަނީ މެމްބަރުންނާ މެދު ތަފާތުކުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

"ޕީޖީ ގްރޫޕުގެ ހިންގާ ގަވައިދުންނާއި އެމްޑީޕީގެ އަސާސީ ގަވައިދުންވެސް ލާޒިމްކޮށްފައިވާ، ހަމަހަމަކުރުމާއި މެމްބަރުންގެ މެދުގައި ގުޅުންތެރިކަން ބަދަހިކުރުމުގެ މަގުސަދާއި ދިމާ އިދިކޮޅަށް، ޕީޖީ ގްރޫޕުގެ ތެރޭގައި ތަފާތުކުރުން ގެންގުޅުމާއި، ތަކުރާރުކޮށް ވިޕާއި ހިލާފުވެފައިވާ މެމްބަރުންނާއި މެދު ފިޔަވަޅު ނާޅުއްވައި ވަކި ބަޔަކާ މެދު ފިޔަވަޅު އެޅުއްވުމަށް ތިޔަ ގެންގުޅުއްވާ ހޮވާލެވޭ އިންސާފުގެ މަގު ދޫކޮށްލެއްވުމަށް ގޮވާލަމެވެ،" ވައްޑެ ވިދާޅުވި އެވެ.