ރައްޔިތުންގެ މަޖިލިސް

ފުުލުހުން ޖަވާބުދާރީ ކުރުމަކީ ސިޔާސީ ނުފޫޒު ފޯރުވުމެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގައި މަޖިލީހުގެ 241 ކޮމިޓީއަށް ދީފައިވާ ބާރުތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރުމަކީ އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށް 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު އޮތް ގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބިދެ އެވެ. ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު އޮވެ އެވެ.

ފުލުހުންގެ ބިލު ދިރާސާ ކުރުމަށް 241 ކޮމިޓީގެ ތެރެއިން ނަގާފައިވާ ސަބް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރެއްވީ ބިލުގައި 241 ކޮމިޓީގެ ދައުރު ބަޔާންކޮށްފައިވާ ބާބާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ އެ ކޮމިޓީއަކީ ގާނޫނު އަސާސީގައި މަޖިލީހުގައި އޮންނަން ޖެހޭނެ ކަމަށް ބަޔާން ކުރާ ކޮމިޓީއެއް ކަމަށެވެ. އެ ކޮމިޓީއަށް ގާނޫނު އަސާސީން ވެސް ސަލާމަތީ ހިދުމަތްތައް ޖަވާބުދާރީ ކުރުމަށް ލާޒިމު ކުރާ ކަމަށެވެ. އެ މަސައްކަތަކީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށެވެ.

"ފުލުހުންގެ ހިދުމަތް ޖަވާބުދާރީ ކުރުމަކީ ސިޔާސީ ނުފޫޒު ފޯރުވުމެއް ނޫން. ނުފޫޒު ފޯރުވުމަށްވާނީ ކޮމިޝަނަރަށް ގުޅައި ވަކި ގޮތަކަށް ވަކި ކަންތައްތަކެއް ކުރުމަށް އެންގުން، އެކަމަކު މައްސަލައެއް ކޮމިޓީއަށް ހުށަހެޅިގެން އެ ކަމެއް ބަލައި ކޮމިޓީގެ މެޖޯރިޓީން ރެކޮމެންޑޭޝަނެއް ފާސްކުރުމަކީ ނުފޫޒު ފޯރުވުމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހިމެނޭ ގޮތަށް ކޮންމެ މުއައްސަސާއަކަށް ވެސް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ މުއައްސަސާއަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި އެ ގޮތަށް ސިޔާސީ ނުފޫޒު ފޯރައިގެން އެތައް ކަމެއް ކޮށްފައިވިޔަސް މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާއަށް ވެސް، އެހެން މުއައްސަސާއަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފޯރުވުން، އެ ނުފޫޒާއެކު ފުިލުހުން ލައްވައި ކަންކަން ކުރުން، އެ ކަމެއް މި ސަރުކާރަކުން، މި މަޖިލީހަކުން ނުކުރާނެ، އެއީ މާ ކުރީގެ ކަންތައްތަކެއް ސިޔާސީ ނުފޫޒު ފޯރުވުމަކީ،" އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒެއް ވަދެފައިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާއަށާއި ކޮމިޓީއަށް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައުލޫމާތެއްވާނަމަ ކޮމިޓީގެ ސަމާލުކަމަށް ގެނައުމުން ކޮމިޓީން އެ މައްސަލައެއް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ވިދާޅުވީ މައްސަލައަކަށް ވާނީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެތައް ގޯހެއް ހިނގަމުންދާއިރު މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ނުބަލައި ދޫކޮށްލުން ކަމަށެވެ. މީގެ ކުރީގައި އެ ގޮތަށް ކަންކަން ކުރުމުން ވެސް މަޖިލީހުގެ ތެރެއިން ޖަވާބުދާރީކޮށްފައިނުވާ ކަމަށެވެ.

"ދައުލަތުގެ އިމުގެ ބޭރުން އަމަލު ކުރީމަ މީގެ ކުރިން ފުލުހުން އިމުން ބޭރުވެގެން ދިޔައީ، ދައުލަތް އިމުގެ ތެރޭގައި، މަސައްކަތްކޮށް، ޒަމާނީ ޑިމޮކްރަސީއާ އެއްގޮތަށް ތިން ބާރު ވަކިން، ޗެކް އެންޑް ބެލެންސް އުސޫލުން، ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރީމަ އިމުން ބޭރުވެނެއް ނުދާނެ،" ސައުދު ވިދާޅުވި އެވެ.

241 ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުވާކޮށްފައިިވާ ބިލެކެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް 241 ކޮމިޓީގައި އިއްޔެ ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކުގެ ތެރެއަށް ވަނުމުގެ ބާރު އެއްވެސް މުއައްސަސާއަކަށް ދެވިގެން ނުވާނެ ކަމަށެވެ. އެހެން ވިދާޅުވީ، ކޮމިޓީގެ ދައުރާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ. ނަމަވެސް ބިލު އޮތީ އެ ގޮތަށް ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.