ކުޅިވަރު

ގައުމީ ޓީމުގެ ފުރުސަތަކަށް އިންތިޒާރު ކުރެވޭ

ބޭރުގައި ކުޅުނަސް ގައުމީ ޓީމުގެ ފުރުސަތަކަށް އަބަދު ވެސް އިންތިޒާރު ކުރެވޭ ކަމަށް ސްޕެއިންގެ ޔޫޑީ ކަނަލްސްއަށް ކުޅެމުން އަންނަ ރާއްޖޭގެ އިސްމާއީލް ޒާން އާމިރު ބުނެފި އެވެ.

ކުރިން ރާއްޖޭގެ 16 އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޒާން ވަނީ، އަންނަ މަހު ނޭޕާލްގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނިފަ އެވެ. އަދި މާލޭގައި ކުރިއަށްދާ ޓްރެއިނިންތަކުގައި އޭނާ ދަނީ ބައިވެރި ވަމުންނެވެ.

ފޯވަޑުލައިންގެ އިތުރަށް ޒާންއަކީ ޑިފެންސަށް ވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. ޒާން ސްޕެއިންގައި ކުޅެނީ ކަނާތު ބެކަށެވެ. މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަ ކުރުންތަކުގައި އޭނާ އެންމެ ގިނައިން ފެނުނީ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ތަނެވެ.

ކުރީގެ އެއް ވަނަ ފޯވަޑް އިސްމާއީލް އާސިފް (ކުޑަ ހީނާ) އަށް ބޮޑުބޭބެ ކިޔާ ޒާން ބުނީ ރާއްޖެއިން ބޭރުގައި ކުޅުނަސް އަބަދުވެސް ގައުމީ ފުރުސަތެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށެވެ.

"ވަރަށް އުންމީދުކޮށްގެން ހުރި ފުރުސަތެއް މި ލިބުނީ، އަންޑާ 23 އާއެކު މިފުރުސަތަކަށް ބަލުމުން ދަނިކޮށް މިފުރުސަތު ލިބުނީ،" އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ. "ގައުމީ ޖޯޒީ ލައިގެން ގައުމީ ޓީމު ތަމްސީލު ކުރަން ފުރުސަތު ލިބުމަކީ ވަރަށް އާދަޔާ ހިލާފް އިހްސާސެއް ކުރެވޭ ކަމެއް."

ޒާން ވަނީ، ކުރިން މެންޗެސްޓާ ޔުނައިޓަޑްގެ އެކެޑެމީގައި ވެސް ތަމްރީން ހަދާފަ އެވެ. އޭރުވެސް ޔޫތު މުބާރާތަށް އައިސް ވެލެންސިއާގެ ޓީމަށް ކުޅުނެވެ.

ޒާންގެ އިތުރުން ސްޕެއިންގައި ކުޅެމުން އަންނަ މިރާޝް އިމްތިޔާޒް (އާޝް) އަށްވެސް ގައުމީ ޓީމަށް ދައުވަތު ލިބެނެވެ. އޭނާ އަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުނީ ކުރިމަތިވެފައިވާ އަނިޔާއަކާ ގުޅިގެންނެވެ.