އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް އެފްސީ ބާސެލޯނާގެ އެކެޑެމީ "ލަމާސީއާ" ގައި 10 އަހަރު މަސައްކަތް ކޮށްފައިވާ އިންގްލެންޑްގެ ޖުޑާން އަލީ ގެންނަން ހަމަޖެހިއްޖެ އެވެ.
އާސެނަލް އަދި ބާސާގެ ޔޫތު ޓީމަށް ކުރިން ކުޅެފައިވާ ޖުޑާން ވަނީ، 2011 ވަނަ އަހަރު ރާއްޖޭގެ ކޯޗް ކަމަށް އަންނަން ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރަށް އޭނާ ހަމަޖެއްސުމާ ބެހޭގޮތުން މިހާތަނަށް އެފްއޭއެމުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންނަަމަވެސް ޓެކްނިކަލް ޑައިރެކްޓަރަކަށް ޖުޑާން ހަމަޖައްސާކަން ކަށަވަރުވީ ވެރިފައި ކޮށްފައިވާ އޭނާގެ ޓްވިޓާގެ އެކައުންޓްގެ ބަޔޯގައި ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ޖާހަފައި ވުމުންނެވެ.
އަދި އޭނާ ވަނީ އެފްއޭއެމްގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ޕޯސްޓް ކޮށްފައިވާ ބައެއް ޓްވީޓްތައް ރީޓްވީޓްވެސް ކޮށްފަ އެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އުފަންދުވަހުގެ ތަހްނިޔާވެސް ޓްވިޓާގައި ކިޔާފައި ވެއެވެ. ޓްވިޓާގައި ބައްސާމް އާއި އެފްއޭއެމްގެ އެކައުންޓުންވެސް ވަނީ އަލީ ފޮލޯ ކޮށްފަ އެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި އާސެނަލް އާއި ބާސާގެ ޔޫތު ޓީމަށް ކުޅުމުގެ އިތުރަށް ދެން އޭނާ ކުޅުނީ ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ވާދަ ކުރާ ރެއާލް މުރުސިއާއަށެވެ. ބާސާގެ އެކެޑެމީގައި ހޭދަ ކުރި ދުވަސްވަރު ވެސް އަލީ ފާހަގަ ކުރެވުނީ ޑިވަލްޕްމެންޓަށް އިސްކަން ދިން މީހެއްގެ ގޮތުގައެވެ. އެހެންވެ ބާސާގެ އެކެޑެމީގައި 10 އަހަރު ވަންދެން އޭނާ މަސައްކަތް ކުރި އެވެ.
ޔޫއެފާ އޭ ލައިސެންސް ހާސިލު ކޮށްފައިވާ އަލީގެ އެންމެ ހާއްސަ ރޮނގަކީވެސް ޔޫތު ކޯޗިން އެވެ. ދެހާސް ތޭރަ ވަނަ އަހަރު ޗައިނީޒް ޓައިޕޭ (ޓައިވާން) ގެ އެލީޓް ފުޓްބޯލް ޑިވަލަޕްމެންޓްގެ ހެޑަކަށް އޭނާ ހަމަޖެއްސި އެވެ. ކޯޗެއްގެ ގޮތުގައި އޭނަ ވަނީ އިންޑޮނޭޝިއާގެ ސުޕަ ލީގްގައި މަސައްކަތް ކޮށްފަ އެވެ. އަދި ހޮންކޮންގްގެ ކިޗީ އެފްސީގެ ޔޫތު ޓީމަށްވެސް ކޯޗް ކޮށްދިނެވެ. ކޯޗުން ތަމްރީން ކުރުމަކީވެސް އަލީގެ އެއް އޭރިއާ އެވެ. އެގޮތުން އޭނާ ވަނީ ބުލެކްބާންރޯވާސްގެ އެކެޑެމީ ކޯޗުންނަށް ބައެއް ޝެޝަންތައް ނަގައިދީފައެވެ.