މުހައްމަދު އަސްލަމް

ނަތީޖާ ގަބޫލުނުކުރާކަން 11 ކަމަކާއެކު އަސްލަމް ހުށަހަޅައިފި

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވަން ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށާ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ. އެގޮތުން ފާހަަގަކުރެވޭ 11 ކަމެއް އޭނާ ވަނީ އެމްޑީޕީއަށް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ވާދަކުރައްވައިގެން ކުރިން ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް އަލުން އިންތިހާބުވެފައިވަނީ 13،233 ވޯޓުންނެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 9،957 ވޯޓެވެ.

އިންތިހާބުގެ ނަތީޖާގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް އިއްޔެ ވެސް އަސްލަމްގެ ޓީމުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިއްޔެ އަސްލަމް އެެއްޗެއް ވިދާޅެއް ނުވިއެވެ.

އަސްލަމް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާކަން މިހާރު އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް އަންގާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ އިންތިހާބުގައި ސުވާލު އުފެދޭ ކަންކަންތައް ހުރިކަން އެމްޑީޕީގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންތިހާބުގައި ކުރި ކަންބޮޑުވުންތައް އެމްޑީޕީއަށް ހުށައަޅާފައިވާތީ އެކަމުގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ.

"އެހެން ނަމަވެސް އެ ކަންކަންވެސް ހާމަކުރާނަން އެކަމަށް އެންމެ ރަނގަޅު ވަގުތު،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ އަސްލަމާއި، ޝިފާޒް ވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވާފައެވެ. މަޖިލީހުގެ ގިނަ މެންބަރުންނާއި، ރައީސް ނަޝީދަށް ވަފާތެރި ގިނަ މެންބަރުން ތިއްބެވީ އަސްލަމްގެ ފަހަތުގައެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުން ތިއްބެވީ ޝިފާޒްގެ ފަހަތުގައެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

މި އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެންކަމުން ވޯޓް ނެގީ އެމަނިކުފާނު އެ މަގާމުގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. މިހާތަނަށް ސާފުކުރެވުނު ނަތީޖާތަކުން 23،369 މީހުން ވޯޓުލީއިރު ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފަ އެވެ. ނަމަވެސް އެ އަދަދާއިމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.