މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބު ކޮށްފި އެވެ. މިއަދު އޮތް އެމްޑީޕީގެ ޕީޖީ އިންތިހާބުގައި އަސްލަމް އާ ވާދަކުރެއްވީ މިހާރު އެ މަގާމުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އަސްލަމްއަށް ލިބިވަޑައިގެންފައިވަނީ 40 ވޯޓެވެ. އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އަސްލަމް ފާހަގަކުރެވިފައިވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް އަދި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތް ކުރައްވާ މެންބަރެއްގެ ގޮތުގައެވެ. މިހިނގާ 19 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަދި މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެއް މެންބަރަކީ އަސްލަމެވެ.
ޓޫފޯވަން ކޮމެޓީގެ މުގައްރިރުކަންވެސް ކުރައްވާ އަސްލަމް ފާހަގަކުރެވިފައިވަނީ ހިންގުންތެރި އަދި ސިޔާސީ އެެކި ފިކުރުތަކުގެ މެންބަރުންނާއެކު ގުޅިގެން މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ.
އެމްޑީޕީއަށް އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި ޕީޖީ ލީޑަރުގެ މަސްއޫލިއްޔަތު އުފުއްލެވި މެންބަރު އާޒިމް ބޮޑަށް ފެނިވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ އަރިސް އަދި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތް ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
މިއަދު އޮތް އިންތިހާބުގައި ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މި މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. މިއީވެސް ރައީސް ސޯލިހްގެ އަރިސް އަދި އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާތީ ފެންނަ މެންބަރެވެ. އެ މަގާމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާދަކުރެއްވިއެވެ. އެ ދެ މެންބަރުންގެ ވޯޓް އެއްވަރުވެ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.
ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ހުސައިންއަށް 63 ވޯޓް ލިބިވަޑައިގަތެވެ.
މި އިންތިހާބުގައި ޗީފް ވިޕަކަަށް އިންތިހާބުވެވަޑައިގެންނެވީ ތިނަދޫ މެންބަރު އަބްދުލް މުޣުނީ އެވެ. އޭނާއަށް 34 ވޯޓް ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގަތީ 31 ވޯޓެވެ.
ވިޕުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިއާދު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސިރާޖެވެ.