އެމްޑީޕީ

އެމްޑީޕީ ޕީޖީ ގުރޫޕްގެ އިންތިހާބު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިންތިހާބު ފަށައިފި އެވެ.

އިންތިހާބު ކުރިއަށް ދަނީ މިއަދު މެންދުުރު 1:30 އިން ފެށިގެން 5:30 އަށް އެމްޑީޕީގެ ހެޑް އޮފީހުގަ އެވެ.

މިހާތަނަށް 23 މެންބަރަކު ވަނީ ވޯޓް ލައްވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

ޕީޖީ ގުރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް ލީޑަރަކަށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. 

ބިގޭ މިވަގުތު ހުންނެވީ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގަ އެވެ. މާދަމާ ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.

މީގެއިތުރުން ސެކްރެޓަރީ ޖެނެރަލްގެ ނައިބާއި ޗީފް ވިޕް ވެސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ޖުމްލަ 65 މެންބަރުން ހިމެނެ އެވެ.