އިބްރާހިމް ޝަރީފު

އައްޑޫ ޝަރީފުގެ ތުހުމަތެއް: އައްޑޫ މީހުނަށް ކުރާ ފުރައްސާ އާންމު

އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން "މާލޭގެ އިއްޒަތްތެރިން" އައްޑޫ މީހުންނަށް ބުލީ -- ދިމާކޮށް ކުރާ ފުރައްސާރަ -- ކުރުން ރޭވިގެން ހިނގާ އާންމު ކަމަކަށްވެއްޖެ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް ވިދާޅުވުމުން ޕާޓީގެ ތެރެއިން ކުރިމަތިކުރި ފާޑުކިޔުންތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވުމުން އަސްލަމަށް ފާޑު ވިދާޅުވީ ރައީސް ނަޝީދަށް ވަފާތެރި މަޖިލީސް މެންބަރުންނެވެ. އޭގެ ތެރޭގައި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހިމެނި ވަޑައިގަންނަވަ އެވެ.

ޝަރީފް ވިދާޅުވީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން "މާލޭގެ އިއްޒަތްތެރިން" އައްޑޫ މީހުންނަށް ފުރައްސާރަ ކުރުން ރޭވިގެން ހިނގާ އާންމު ކަމަކަށް މިހާރު ހަދާފައިވާ ކަމަށެވެ. އެކަން ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އެ ވާހަކަ ގެންނެވި ޓްވީޓް ކުރެއްވީ މެންބަރު އިމްތިޔާޒު ފަހުމީ އާއި މެންބަރު މުހައްމަދު އަސްލަމާއި ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ސެކްރެޓޭރިއޭޓްގެ އޮފިޝަލް ޓްވިޓާ އެކައުންޓާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ޓެގް ކުރައްވާފައި ވެއެވެ.

އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިމްތިޔާޒު ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އަސްލަމްގެ ވާހަކަތަކަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ރައްދު ދެއްވިއެވެ. އޭނާ ވަނީ "ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކޮށް ކޮށްލުން ބަލައިގަނެވޭތޯ" އަސްލަމް އާ ސުވާލު ކުރައްވާފަ އެވެ.

"ރައީސް މައުމޫނު ވެސް 30 އަހަރު ވަންދެން ކުރެއްވީ ތިޔަކަންތައް ދެއްތޯ؟ އެކަމު އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވައުދު ވެގެން. އެކަންކަން ފުއްދައިދިނުމަށް ޓަކައި ވެރިކަން ކުރާން. ނަމަކަށް ވެރިކަމެއް ކޮށްލާކަށް ނޫން،" އަސްލަމަށް ރައްދު ދެއްވާ ވަހީދު ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ނާއިންސާފާ ދިމާއަށް ދަތުރު ކުރާ ނަމަ ހަމަ މިސްރާބަށް ގެންދަން އަޑު އުފުލާނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.

"ހަރުކަށި ފިކުރު ހުއްޓުވުމާއި ސަރުކާރު ތެރޭން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި އަސްލަމް ވެސް ފަސް ޖެހެންވީ ސަބަބެއް ނުފެެނޭ،" އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވާ ޝިޔާން ވިދާޅުވި އެވެ.

މެންބަރު އިމްތިޔާޒާއި ވަހީދު އަދި ޝިޔާނަކީ އަބަދުވެސް ރައީސް ނަޝީދުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ ބޭފުޅުންނެވެ. މިހާރު އޮތް ހިޔާލުތަފާތުވުންތަކުގައި ވެސް ސަރުކާރަށް އެންމެ ފާޅުގައި ފާޑު ވިދާޅުވެ ސާފުކޮށް ނަޝީދުގެ ފަޅި ނަންގަވައިގެން ތިއްބެވި މެންބަރުންގެ ތެރޭގައި އެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އިންތި އާއި ވަހީދު އަދި ޝިޔާން ކުރެއްވި ޓްވީޓްތައް ރައީސް ނަޝީދު ވަނީ ރި-ޓްވީޓް ވެސް ކުރައްވާފަ އެވެ.