ހަބަރު

ރިލްވާންގެ އާއިލާއާ ރަށްޓެހިން އަނެއްކާވެސް ހިނގާލުމެއް ބާއްވަނީ

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ އާއިލާ އާއި ރަށްޓެހިން ގުޅިގެން އަންނަ ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ސުވާލު މާޗުގެ ނަމުގައި އަންނަ ހުކުރު ދުވަހު ބާއްވާ އެ ހިނގާލުން ފަށާނީ އާޓިފިޝަލް ބީޗުންނެވެ. މީގެ ކުރިން ވެސް ރިލްވާންގެ އާއިލާއާ ރަށްޓެހިން ގުޅިގެން މާލޭގައި ހިނގާލުން ބާއްވާފައިވެ އެވެ.

ސޯޝަލް މީޑިއާގައި މޮޔަ މީހާގެ ނަމުން މަޝްހޫރުވެފައިވާ ރިލްވާން މިދިޔަ އޮގަސްޓް މަހު ގެއްލުނު ފަހުން މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ހަބަރެއް ނުވެއެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކުރި ނަމަވެސް އެ އެންމެން ވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ރިލްވާން ގެއްލުނުއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ މިނިވަން ނޫހުގަ އެވެ.