ދުނިޔެ

ހަމަލާތައް ބަދަލުކުރުމަށް ފަހު އުތުރު ކޮރެއާ ހަނގުރާމައަށް ތައްޔާރުވެއްޖެ

Aug 21, 2015

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ސަރަހައްދީ އިން ގުޅޭ ހިސާބުގައި ދެކުނު ކޮރެއާ އިން އަޑުގަދަކުރާ ބޭނުންކޮށްގެ އުތުރު ކޮރެއާއާ ދެކޮޅަށް ފަތުރާ "ޕްރޮޕެގެންޑާތަކުގެ" މައްސަލާގައި މި ދެގައުމުގެ ގުޅުން ގޯސްވެ ހަމަލާ ބަދަލުކުރާ ހިސާބަށް ދިއުމަކީ އަބަދުވެސް އާންމު ކަމެކެވެ.

މިފަހަރު ވެސް ވެގެން މި އުޅެނީ އޭގެ ކަމެކެވެ. ދެކުނު ކޮރެއާ އިން އަޑުގަދަކުރާ ބޭނުންކޮށްގެން އުތުރު ކޮރެއާއާ ދެކޮޅަށް ފަތުރާ ޕްރޮޕެގެންޑާތައް 24 ގަޑިއިރު ތެރޭގައި ހުއްޓާލުމަށް އުތުރު ކޮރެއާ އިން އިންޒާރުދީފައިވާއިރު އެގޮތަށް އަމަލުނުކޮށްފި ހަރުކަށި އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. ދެ ގައުމުން ވަނީ މިފަހުން ޖެހިގެން އުޅޭ މައްސަލާގައި ސަރަހައްދީ އިމުގައި ހަމަލާ ވެސް ބަދަލުކޮށްފަ އެވެ.

މި ހަމަލާ ބަދަލުކުރުންތަކަށް ފަހު "ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް" އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އޭނާގެ ސިފައިންނަށް އަމުރުކުރައްވާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދެ ކޮރެއާ އިން 1950 ވަނަ އަހަރުން 1953 ވަނަ އަހަރާ ހަމަ އަށް ކުރި ހަނގުރާމައިގެ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް ޓެކްނިކަލީ މި ދެ ގައުމު އޮތީ އަދިވެސް ހަނގުރާމައެއްގެ ތެރޭގަ އެވެ. އެއީ ދެ ގައުމުން މިހާތަނަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި ނެތީމަ އެވެ.