ރާއްޖޭގެ އެއާޕޯޓްތަކުގެ ހިންގުން ބޭރު ކުންފުނިތަކާ ހަވާލު ކުރުމެއް ވިސްނުމެއް މި ސަރުކާރުން ނުގެންގޫޅޭ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މަޖިލީހަށް މިއަދު ހާޒިރުވެވަޑަައިގެންނެވީ ކެންދޫ ދާއިރާގައި ހިމެނޭ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ.
މިނިސްޓަރަށް ސުވާލު ކުރަން އޮންނަ ވަގުތުގެ ތެރޭގައި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ސުވާލު ކުރެއްވީ އެ ދާއިރާގައި ހިމެނޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އެ އެއާޕޯޓް ތަރައްގީ ކުރި ކުންފުންޏާ ހަވާލު ނުކޮށް އައިލެންޑް އޭވިއޭޝަންއާ އެއާޕޯޓް ހަވާލު ކުރީ ކީއްވެގެންތޯ އެވެ. އެއީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.
މެންބަރު ހާރޫންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެއާޕޯޓްތައް ބޭރުގެ ކުންފުނިތަކަށް ހަވާލު ކުރުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމެއް ކަން ވޭތުވެދިޔަ އަހަރުތަކުގައި ފެނިފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާާރުގެ ސިޔާސަތަކީ އެއްވެސް އެއާޕޯޓެއްގެ ހިންގުން ބޭރު ކުންފުންޏަކާ ހަވާލު ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި އަޅުގަނޑުމެނަށް ކުރެވުނު ތަޖުރިބާގެ އަލީގައި ބޭރުގެ ބަޔަކު ރާއްޖޭގެ އެއާޕޯޓަކަށް ކައިރި ވެއްޖިއްޔާ ދިވެހިންގެ ތެރެއިން ބަޔަކު ބިރު ނަގާ ކަމަކަށް ވަނީ، އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ނިންމުމަކަށްވީ ބޭރުގެ ބަޔަކަށް ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އޮޕެރޭޓް ކުރަން ދިނުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ނޫނޭ، އެހެންވެ އެ ސިޔާސަތު ތަންފީޒު ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސިޔާސަތަކީ ގައުމުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބައްޓަން ކުރެވި ތަންފީޒު ކުރެވޭ ކަމެއް ކަމަށެވެ. އެ ގޮތަށް މިއަދުގެ ހާލަތުގައި ހިންގެން އޮތް ސިޔާސަތަކީ އެއާޕޯޓްތަކުގެ ހިންގުން ބޭރު ކުންފުނިތަކަށް ހަވާލު ކުރުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކާ ހަވާލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ނުރުހުން ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެންމެ މަޝްރޫއެއް ކުރިއަށް ގެންދަން އެއާޕޯޓެއްގެ ހިންގުން ބޭރު ކުންފުންޏަކާ ހަވާލުކުރުމުން ފެއިލްވި ނަމަވެސް އެއީ ކޮންމެ ފަހަރަކު އަމަލު ކުރަން ޖެހޭ އުސޫލެއް ނޫން ކަމަށެވެ.
ޖާބިރު އިޝާރާތް ކުރެއްވީ، މަޖިލީހުގެ ރިޔާސަތުގައި ވެސް އިންނަވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރުއާ ހަވާލު ކުރި ކުރުމަށެވެ. އޭރު މިނިސްޓަރު އަސްލަމް ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.
ނަޝީދުގެ ވެރިކަމުގައި ގާއިމު ކުރި އެ އެއްބަސްވުން ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އުވާލައިފަ އެވެ. އެއްބަސްވުން އުވާލުމާ ގުޅިގެން އާބިޓްރޭޝަންގެ ގޮތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިވެހި ދައުލަތުން ދައްކަން ޖެހުނެވެ.
ޖީއެމްއާރާ އެއާޕޯޓްގެ ހިންގުން ހަވާލު ކުރުމުން އޭރުގެ އިދިކޮޅު ފަރާާތްތަކާއި އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އޭރު އަޑުއުފުލި ގިނަ ފަރާތަކުން ބުނަމުން ދިޔަ ގޮތުގައި އެއާޕޯޓްތައް ހިންގަން ހަވާލު ކުރަން ޖެހޭނީ ދިވެހި ކުންފުނިތަކަށެވެ.