އިސްލާމިކް މިނިސްޓްރީ

ޔޫސުފަށް އިސްލާމިކް މިނިސްޓަރު ހިތްވަރުދެއްވައިފި

އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތު ދަސްކުރި ޔޫސުފް ބިން މާޒިންއާ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ބައްދަލު ކުރައްވައި، ހިތްވަރު ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރުމުގައި ޔޫސުފްގެ މައިންބަފައިވެސް ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލު ވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ ޔޫސުފަށް ހަތިމެއް ހަދިޔާ ކުރައްވައި ހިތްވަރު ދެއްވާފަ އެވެ.

ހަ އަހަރުގެ ޔޫސުފް މަންމަ އާއި ބައްޕަގެ ގަދަ މަސައްކަތްތާއި ހެޔޮ ދުއާއާއެކު ކީރިތި ގުރުއާން ހިތު ދަސް ކުރީ ހަތަރު އަހަރު ދުވަހުން ދޮންދޫނި ލިޓުލް ލާނާސްގެ މެނޭޖްމަންޓާއި، ޓީޗަރުންގެ މިންނަތުންނެވެ.

ޔޫސުފްގެ މަންމަ އުންމު ހާނީ މީގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ބުނީ އޭނާ ގުރުއާން ހިތުދަސްކުރަން ފެށީ އުމުރުން ދެ އަހަރުން ފެށިގެން ކަމަށެވެ. އެންމެ ފުރަތަމަ ޔޫސުފްގެ މައިންބަފައިން ކިޔަވާ އަޑު އިވި ބައެއް އާޔަތްތަށް ހިތުދަސް ކުރަން ފެށި ކަމަށް ހާނީ ބުންޏެވެ. އެހިސާބުން ޔޫސުފަށް މުޅި ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ފެށި ކަމަށްވެސް އޭނާ ބުނެ އެވެ.

ދޮންދޫނި ލިޓްލްލާނާސް ނިންމި ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ހާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.