ސިއްހަތު

ސިއްހީ ނިޒާމު ފުރިހަމަ ކުރަން ދިވެހި ނަރުހުން ތަމްރީނު ކުރަންޖެހޭ: ރައީސް

ސިއްހީ ނިޒާމު ފުރިހަމަ ކުރަން ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ނާސިން ނައު" ކެމްޕެއިން އިފްތިތާހު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި ނަރުހުން މި ދާއިރާއަށް ބޭނުންވާނެ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރާއިރު އެ ސަރަހައްދުތަކުގެ މީހުން ނަރުހުންގެ ގޮތުގަައި ތަމްރީން ވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތު އަމާޒު ކޮށްފައިވާ މިސްރާބަށް ބަލާއިރު ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ނަރުހުން ބޭނުން ވާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިވަގުތުވެސް 3،300 އަށް ވުރެ ގިނަ ނަރުހުން ހިދުމަތުގައި ތިބި އިރު އެއީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ ގާތްގަނޑަކަށް 50 ޕަސެންޓް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުން ކަމުން ދިވެހިން ތަރައްގީ ކުރަން އިސްކަންދޭންޖެހޭ ކަމަށެވެ.

މި ދާއިރާގައި ގޮންޖެހުންތައް ހުރި ކަމަށާއި ހުރިހާ ކަމެއްގެ ހަގީގީ މައްސަލަ އަކީ ސިއްހީ މުހިއްމު ހިދުމަތްތައް އެއްތަނަކަށް ޖަމާވެފައި އޮތުން ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު ނަރުހުންގެ އަދަދުވެސް އެކަށީގެންވާ ވަރަށް ވުރެ މާ މަދު. މިކަމާމެދު ގައުމީ ފެންވަރުގައި އިތުރަށް އެބަ ސަމާލުވާން ޖެހޭ،"

އަދި ސިއްހީ ނިޒާމުވެސް ލާމަރުކަޒީ ނިޒާމަކުން ތަރައްގީ ކުރާއިރު ކޮންމެ ރަށެއްގައިވެސް ގޭގެ އަށް ގޮސް ހެލްތު ޗެކްއަޕް ހަދައިދީ ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ސިއްހީ ހިދުމަތްތެރިން ތަމްރީން ވުމުން ގޮންޖެހުންތަކުގެ ވަރަށް ބޮޑު ބައެއް ހައްލު ވާނެ ކަމަށެވެ.