ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވުނު މީހުން ނެގެޓިވް: ރައީސް

ޗައިނާ އިން ފެނި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ރާއްޖޭން ޓެސްޓް ކުރި އެކަކު ވެސް އެ ވައިރަސް އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވެސް އެބަ އޮތް ކަމަށެވެ. ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާފެ ލަފައާ އެއް ގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް އެއް އަޒުމެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖޭން ޓެސްޓްކުރި މީހުން ކޮރޯނާވައިރަހަށް ނެގެޓިވް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް އަޒުމެއްގައި މަސައްކަތް ކުރަމުން މި އަންނަނީ، މާތް ﷲގެ ހެޔޮ ރަހްމަތްފުޅާއި އޯގާވަންތަކަމާ އެކު، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް," ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ނުރައްކަލަކީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަގްވާމީ ބައެއް ދަތުރުތައް މެދުކަނޑައިލީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުން މާ މުހިއްމު ވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާތީ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން," ރައީސް ވިދާޅުވި އެވެ.