ދުނިޔެ

އެމެރިކާއިން އިރާނަށް އެޅި ފިޔަވަޅުތަކަށް ތާއީދު ކުރަން: ސައުދީ

Nov 27, 2019

އިރާނުން ދުނިޔޭގެ ސަލާމަތަށް ނުރައްކާ ވާނެހެން ނިއުކްލިއާ ހަތިޔާރު އުފައްދާ ނިއުކްލިއާ ފައްކާ ކުރުމުގެ މައްސަލައިގައި އެމެރިކާއިން އިރާނަށް އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށް ފުރިހަމަ އެއްބާރުލުން ދޭން ސައުދީ އަރަބިއްޔާގެ ކެބިނެޓުން ނިންމާފައިވާ ކަމަށް ސައުދީގެ މީޑިއާ މިނިސްޓަރު ތުރުކީ އަލް ޝަބްނާހު ވިދާޅުވެއްޖެ އެވެ.

ސައުދީގެ ނޫހަކަށް ދިން އިންޓަވިއެއްގައި ތުރުކީ އަލް ޝަބްނާހު ވިދާޅުވީ، އެމެރިކާއިން ހަމައެކަނި އިރާނާމެދު ހަރުކަށި ގޮތްތަކެއް ގެންގުޅޭތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އިރާނަކީ އަބަދުވެސް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަމަލު ކުރަމުންދާ ގައުމަކަށް ވުމުން ދުނިޔޭގެ ބާރުގަދަ އެހެން ގައުމުތަކުން ވެސް އިރާނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބާރު ތަކާއެކު ހެދި ނިއުކްލިއާ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އެމެރިކާއިން ވަނީ އިރާނުގެ އިގްތިސޯދަށާ ތެލުގެ ވިޔަފާރިއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އިރާނުގެ ތެލުގެ ވިޔަފާރިއަކީ އެ ގައުމުގެ އިގްތިސޯދެވެ. އެމެރިކާއިން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އިރާން ސަރުކާރުގެ އިސް ވެރިންނަށް އެމެރިކާއަށް ދަތުރު ކުރެވޭނީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް އެމެރިކާއިން ދޫކުރާ ހައްސަ ހުއްދައެއްގެ ދަށުންނެވެ.

ސައުދީން އިރާނުގެ ގުޅުން މިއަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސައުދީގެ ތެޔި ކުންފުނި އަރަމްކޯއަށް ދިން ޑްރޯން ހަމަލާތަކުގެ ޒިންމާ ސައުދީން އަޅުވާފައިވަނީ އިރާން ސަރުކާރުގެ ބޮލުގަ އެވެ. އިރާނުން ވަނީ މި ތުހުމަތު ދޮގު ކޮށްފަ އެވެ. އަރަމްކޯ ހަމަލާއަށް ފަހު ސައުދީ ސަރުކާރުން ގެންދަނީ އެމެރިކާއާ ގުޅިގެން އިރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެމުންނެވެ.