ތެހެރާން (ޖުލައި 1) - އިރާނުގެ ތެޔޮ ބޭރު ކުރުމަށް އެމެރިކާ އިން ހުރަސް އަޅާފައިވާތީ، އެކަން ހުއްޓުވުމުގެ ގޮތުން އަމިއްލަ ކުންފުނިތަކަށް ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމުގައި އެ ގައުމުން ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އަންނަ ނޮވެމްބަރު މަނުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އިރާނާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ހުރިހާ ފަރާތްތަކުން އެ ގުޅުން އެއްކޮށް ކަނޑާނުލައިފިނަމަ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ.
އެ އިންޒާރާއި ގުޅިގެން، އިރާނުގެ ތެޔޮ ދެ ވަނައަށް އެންމެ ގިނައިން އެތެރެ ކުރާ އިންޑިއާ އިން ވަނީ، އިރާނުން ދެން ތެޔޮ އެތެރެ ނުކުރާނެކަމުގެ އިޝާރާތެއްދީފަ އެވެ.
ނަމަވެސް، އެމެރިކާ އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް "ޕްލޭންތަކެއް" ހެދިފައިވާ ކަމަށް އިރާނުގެ ނައިބު ރައީސް އިޝާގު ޖަހަންގިރީ ވަނީ ވިދާޅުވެފަ އެވެ.
އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ބޭނުން ވަރަކަށް ތެޔޮ ބޭރު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވެސް ޖަހަންގިރީ ވިދާޅުވި އެވެ.
އިރާނުގެ ތެޔޮ ހުއްޓުވުމުން، ދުނިޔޭގެ ބާޒާރަށް އެކަމުގެ އަސަރު ކުޑަ ކުރުމަށް، ސައުދީން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ ގާތުން އެދެފަ އެވެ. އެކަމަށް ސައުދީ ރަސްގެފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފައި ވީނަމަވެސް، އަދި ރަސްމީކޮށް ސައުދީ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"އެއްވެސް މީހަކު އިރާނުގެ ތެޔޮ މާކެޓު އަތުލަން މަސައްކަތް ކުރުމަކީ އިރާނަށް ގައްދާރުވުން. އެކަމުގެ އަގު ކޮންމެވެސް ދުވަހަކުން އަދާ ކުރަން ޖެހޭނެ،" އެކަމަށް ރައްދު ދެއްވަމުން ޖަހަންގިރީ ވިދާޅުވި އެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަންފެށީ، 2015 ވަނަ އަަހަރު ހަ ގައުމާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު އެވެ.
އިރާނުގެ މައްސަލައަކީ އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ބޮޑު އެއް މައްސަލަކަމުގައި އެމެރިކާ ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އިރާނާއިއެކު ވިޔަފާރީގެ ގުޅުން ހުއްޓާލުމަށް އެމެރިކާ އިން ދީފައިވާ މުހުލަތަށް ލުޔެއް ލިބޭތޯ ޔޫރަޕުގެ ބައެއް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަމުގައި ދޫނުދޭނެކަމުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.