ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ޕީޖީގެ މަގާމަށް ހުޅުވާލާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލާން ލިބޭނީ އެ ދުވަހުގެ ރަސްމީ ގަޑީ އެކަންޏެވެ. ކުރިއަށް އޮތީ ބަންދު ދެ ދުވަހެވެ.
ބެލެވޭ ގޮތުގައި އެހާ ކުޑަ މުއްދަތެއް ދީފައިވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާތީ އެވެ. ދައުރު ހަމަވުމުގެ ކުރިން ޕީޖީއަށް މަޖިލީހުން ރުހުން ދިނުމަށް ފުރުސަތު ދިނުމަށެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ. އެ ކޮމިޓީއަށް މިއަދު ހާޒިރުވެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބިޝާމަށް އޮތީ އަންގާފަ އެވެ. އެއީ މިއަދު 11:00 އަށެވެ.
އިސްތިއުފާ ދެއްވުމުގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވައި އޭނާ ވަކި ކުރުމުގެ އިޖުރާއަތްތައް ފަށާފައިވަނީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.
ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ.