ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޝަމްނާޒަށް ދައުވާ ނުކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ނިންމަވައިފި އެވެ.

ޕީޖީ މިގޮތަށް ނިންމީ ޝަމްނާޒާއި ސަނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ދައުވާ ކުރަން އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން ބުނެ އެވެ.

ރައީސް ޑރ. މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް އާއި ސަނާގެ ހދ. ވައިކަރަދޫ، ހުސައިން ސަމީރު ހައްޔަރުކުރީ މި ދިޔަ ޖޫން 23 ވަނަ ދުވަހު އެވެ. އަދި ދުވަސްކޮޅަކު ބަންދުގައި ބޭތިއްބުމަށްފަހު ދޫކޮށްލީ މިދިޔަ ޖުލައި 13 ވަނަ ދުވަހު އެވެ.

ސަމީރުގެ މައްޗަށްވެސް ދައުވާ ނުކުރަން ޕީޖީ ވަނީ ނިންމަވާފަ އެވެ. ސަމީރަކީ ސިހުރު ހެދި ކަމަށް ބުނާ މީހާ އެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.