ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި މާޔޫސްނުވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްގެ ހުކުމް މިއަދު ރައީސް ޔާމީންގެ މައްޗަށް އައިސްފައިވާއިރު މިހާރު އެމަނިކުފާނު ހުންނެވީ މާލޭ ޖަލުގަ އެވެ.
ހުކުމަށްފަހު ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އަލީ ޝާހު ވިދާޅުވީ ހިތްވަރުގަދަކޮށް ހުންނެވި ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސަޕޯޓަރުން މާޔޫސްނުވުމަށް ކަމަށެވެ. އަދި، އެމަނިކުފާނު ވަރަށް އަވަހަށް ޖަލުން މިނިވަންވާނެ ކަމަށް ވެސް ވިދާޅުވި ކަމަށް އަލީ ޝާހް ވިދާޅުވި އެވެ.
ވަކީލުންގެ ޓީމުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގެ ފަސް ގާޒީންގެ އިއްތިފާގުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފަ އެވެ. ވަކީލް އަބްދުﷲ ސިޔާޒް ވިދާޅުވި ގޮތުގައި، އެ ހުކުމަކީ ގާނޫނީ ހަމަތަކުގެ އިތުރުން ބުއްދީގެ ހަމަތަކާވެސް ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ރައީސް ޔާމީން ރޭ ވަނީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވަސީއަތްތަކެއް ކުރައްވާފަ އެވެ. މައްސަލާގެ ބެންދު އޮތް ގޮތުން ފަހަރުގައި ދަރަ ގޮތެއް ވެސް ވެދާނެ ކަމަށާއި އެމަނިކުފާނަށް ދުވަސްކޮޅަކަށް ދުރަށް ދާން ޖެހުނު ނަމަވެސް ޕާޓީއަށް ދެރަ ގޮތެއް ވިޔަ ނުދިނުމަށް ރޭ އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ދެރަ ގޮތެއް ވެއްޖެނަމަ މި މައްސަކަތް މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންގޮސްދޭށޭ، ޖަލަށް ލަނީ އަޅުގަނޑެއް ނޫން، މި ސަރުކާރާ ދެކޮޅަށް ދީނާއި ގައުމުގެ ހައްގުގައި މިކުރާ މަސައްކަތުގެ އަޑު ކަނޑުވާލަން ބޭނުން ވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ހިންގާ ލާދީނީ އަމަލުތަކާއި މުއައްސަސާތަކާއި ކޯޓުތަކަށް އަތް ބާނަމުންދާ ދިޔުމަށް ޕީޕީއެމް ފިޔަވައި ފާޑުކިޔާނެ ބަޔަކު ނުތިބޭނެ ކަމަށާއި އެހެންކަމުން އެގޮތުގައި ދެމިތިބެންޖެހޭ ކަމަށެވެ. އެ އަޑު ހުއްޓުވުމަށް އެމަނިކުފާނު ޖަލަށްލުމަކީ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.