ރައީސް އަބްދުﷲ ޔާމީން

ޖަލުގައި ރައީސް ޔާމީނަށް ދަނީ އަނިޔާ ލިބެމުން: ޖަމީލް

Nov 29, 2019
3

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދަނީ ޖަލުގައި އަނިޔާ ލިބެމުން ދާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޑރ. ޖަމީލު ވިދާޅުވެއްޖެ އެވެ.

ޖަމީލް އިނގިރޭސި އަދި ދިވެހި ބަހުން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މާލޭ ޖަލުން މިއަދު ރައީސް ޔާމީނާއި ބައްދަލު ކުރެއްވި ކަމަށާއި ޖަލުގައި އެމަނިކުފާނާއި މެދު އަމަލު ކުރެވެމުންދާ ގޮތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި ޖަލުގެ ހާލަތު ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކަށް ނުފެތޭ ކަމަށާއި އެއީ އަނިޔާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ޖަމީލު ވަނީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ މިއަދު ބުނީ ރައީސް ޔާމީން މިވަގުތު ހުންނެވި ޖަލަކީ ކުރީގެ ރައީސަކު ބަހައްޓަން އެކަށީގެންވާ ޖަލެއް ނޫން ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް ހޯމް މިނިސްޓަރަށާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކިބައިން މާދަމާ އޭދޭނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އިއްޔެ އެވެ. އޭގެ އިތުރުން ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) މޯލްޑިވްސް އިންލޭންޑް އޮތޯރިޓީއަށް ދައްކަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.