މޫސުން

ދެމޫސުން ބެދޭތީ ކުރިއަށް އޮތީ ވިއްސާރަ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކުރިޔަށް އޮތް ދުވައްތަކުގައި ވިއްސާރަ ކުރާނެ އިރު އަށް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރައާއެކު ނ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އަދި 11 އަތޮޅަކަށް ވައިޓްއެލާޓް ނެރެފައިވާ ކަމަށެވެ.

މި މޫސުމުގައި ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުންނެވެ. އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.

ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ތިން ދުވަހަށް ކުރާނެ އިރު ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު މިއީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާންދާ ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ ފަހު ނަކަތް ދޮށަ، ނިމެނޭ ޑިސެމްބަރު މަހުގެ ނުވަނަ ދުވަހަށެވެ.