ދުނިޔެ

އިރާގުގެ ބޮޑުވަޒީރު އިސްތިއުފާ ހުށަހަޅުއްވައިފި

Dec 1, 2019
1

ބަޣުދާދު (ޑިސެމްބަރު 1) - އިރާގުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ބޮޑު ލޭ އޮހޮރުވުމަކަށް ބަދަލުވުމާ ގުޅިގެން، ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރު އާދިލް އަބްދުލް މަހުދީގެ އިސްތިއުފާގެ ސިޓީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިރާގުގައި ކުރަމުންދާ މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާ ހިނގި ކުރިމަތިލުންތަކުގައި އިއްޔެ އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން ޕްރެޝަރު ބޮޑުވެ، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން މަހުދީ ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާނު ކުރައްވައިފަ އެވެ. އިސްތިއުފާގެ ސިޓީ ރަސްމީކޮށް ހުށަހަޅުއްވާފައިވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށްފަހު، ވަޒީރުން އެކަމަށް އެއްބަސްވެވަޑައިގެންނެވުމުންނެވެ.

މަހުދީގެ އިސްތިއުފާ ގަބޫލުކުރުމާމެދު ގޮތެއް ނިންމުމަށް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.

ކޮރަޕްޝަނާއި، ވަޒީފާ މަދުވުމާއި އާއްމު ހިދުމަތުގެ ފެންވަރު ދަށްވުމާ ގުޅިގެން ފެށި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ލައިވް ވަޒަނާއި ކަރުނަ ގޭހުގެ އިތުރުން ރަބަރު ވަޒަން ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް އެތަކެއް ސަތޭކަ މީހުން މަރުވެފައިވާއިރު، އެތަކެއް ހާސް މީހުނެއް ވަނީ ޒަހަމްވެފަ އެވެ.

މަހުދީ އިސްތިއުފާ ދެއްވަން ނިންމުމާއެކު މުޒާހަރާގެ ބައިވެރިން އުފާ ފާޅު ކުރި ނަމަވެސް، ރައްޔިތުން އެދެމުންދާ ކަންކަން ފުރިހަމަ ނުވަނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ.