ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން، ދައުލަތުން ދޭ އިނާޔަތާއި ރައްކާތެރިކަން އިޔާދަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލުމަށް އޮތް އޮތުން، ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ.
ކުރިން އެ ގަނާނޫގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
އެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމެޓީން ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ލިބެން ފަށާނެ އެވެ.
އެ އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް ދެ މެންބަރުން ވަނީ ވޯޓު ދީފަ އެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހުކޮށްފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނި ކޮށެވެ.
އިސްތިއުނާފު ކޯޓުތަކުން އެހެން ގޮތަކަށް ބަދަލުނުކުރާ ހިނދު، ރައީސް ޔާމީނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ދެން ލިބޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.