ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އަންހެނަކު ތިނަދޫއިން ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރަމުންދިޔަ އަންހެނެއް ގދ. ތިނަދޫ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ތިނަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު އުމުރުން 25 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.