ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ތަހުނިޔާ ސާއިދަށް

ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދަށް، ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ސާއިދާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އޭނާ ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ވިދާޅުވި ކަމަށެވެ. އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާއިދު ދައްކަވަމުން ގެންދަވާ ހިތްވަރަށް ސާބަސް ދެއްވައި އޭނާ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި، ސާޢިދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ މި ގޮތުގައި ދެމިހުންނެވުމަށް އިރުޝާދު ދެއްވައި ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަށް އޭނާއަށް ހިތްވަރު ދެއްވާފައެވެ.

ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލެއް ހޯދައިދިން ސާއިދު މިއަދު ހޯދި މެޑަލް އަކީ މިފަހަރުގެ ގޭމްސްގައި މިހާތަނަށް ރާއްޖެއިން ހޯދި ފުރަތަމަ މެޑަލްވެސް މެ އެވެ. ނޭޕާލްގެ އެންމެ ބޮޑު ސްޓޭޑިއަމް، ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ބޭއްވި ފައިނަލް އިވެންޓް ސާއިދު ނިންމީ 10.49 ސިކުންތުންނެވެ.