ދުނިޔެ

އަލިފާން ފަރުބަދައެއް ގޮވައި ނިއުޒިލޭންޑުން ފަސް މީހަކު މަރުވެއްޖެ

Dec 9, 2019

ނިއުޒިލޭންޑަށް ޒިޔާރަތްކުރާ ގިނަ ޓޫރިސްޓުން ގޮސް އުޅޭ ވައިޓް އައިލެންޑުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި ފަސް މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ގެއްލުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން އަލިފާން ފަރުބަދަ ގޮވި ވަގުތު ގިނަ އަދަދެއްގެ ޓޫރިސްޓޫން ދިޔައީ އެ ފަރުބަދަ ކައިރީގައި ކޭމްޕު ކުރަމުންނެވެ. ފަރުބަދަ ގޮވި ސަރަހައްދުން މިހާތަނަށް ވަނީ 23 މީހަކު ސަލާމަތްކޮށްފަ އެވެ. އެގައުމުގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވި މީހުންނާއި ގެއްލިގެން ހޯދާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ. ނިއުޒިލޭންޑުގެ ސިފައިން މިހާރު ދަނީ ރެސްކިޔު މިޝަނަށް ފުލުހުންނަށް އެހީވަމުންނެވެ.

ވައިޓް އައިލެންޑަކީ އަލިފާން ފަރުބަދަތަށް ބަލައިލުމަށް މަގްބޫލު މަންޒިލެކެވެ. މިރަށް ހިންގަނީ އަމިއްލަ ފަރާތަކުން ރިސޯޓެއްގެ ގޮތުގަ އެވެ. ފަރުބަދަ ގޮވައި ގިނަ އަދަދަކަށް އަޅި ފޭބުމާއި އަދި މިއީ ވަކިން އޮންނަ ރަށަކަށް ވުމުން ރެސްކިއު އުޅަނދުތަކަށް ހުރަސްތައް ކުރިމަތިވެ އޮޕަރޭޝަނަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

އެހެންކަމުން ވައިޓް އައިލެންޑުގައި އަލިފާން ފަރުބަދަ ގޮވި ވަގުތު ތިބި މީހުންގެ އަދަދު ސާފު ވާގޮތް ވަނީ ނުވެފަ އެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި އެރަށުގައި މަދުވެގެންސް 50 ޓޫރިސްޓުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.