ނިއުޒިލެންޑްގެ 41 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ކްރިސް ހޮޕްކިންސް ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އުމުރުފުޅުން 44 އަހަރުގެ ހޮޕްކިންސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުނީ ކުރީގެ ބޮޑުވަޒީރު، ޖެސިންޑާ އާޑެންގެ ކުއްލި ހައިރާންކުރުވަނިވި އިސްތިއުފާ އައުމުގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
އުމުރުން 42 އަހަރުގެ ޖެސިންޑާ އާޑެން ވިދާޅުވެފައިވަނީ ގައުމު އިތުރަށް ހިންގޭނެހާ ހަކަތައެއް އޭނާގެ ކިބައިގައި މިވަގުތު ނެތް ކަމަށެވެ.
ނިއުޒިލެންޑްގެ ގަވަނާ ޖެނެރަލް، ސިންޑީ ކީރޯ، ބުދަ ދުވަހު ވަނީ ޖެސިންޑާގެ ރަސްމީ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފަ އެވެ.
އައު ބޮޑުވަޒީރު، ހޮޕްކިންސް ވަނީ ކޮވިޑް އާލަމީ ވަބާގައި ނިއުޒިލެންޑްގެ ސިޔާސަތު ހިންގުމާ ހަވާލުވެވަޑައިގެން ކުރިއަށް ވަޑައިގެން އޭނާގެ ޝަހުސިއްޔަތު ދައްކުވާފަ އެވެ.
ހަފްތާ ބަންދުގައި ލޭބާ ޕާޓީގެ އިސްފަރާތްތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި ގައުމު ހިންގުމަށް ހޮޕްކިންސާ ހަވާލުކުރުމަށް އެންމެ ބޭފުޅުންގެ ރުހުން ވަނީ އޭނާއަށް ދެއްވާފަ އެވެ. އަދި ހަމައެހެންމެ އޮކްޓޯބަރުގައި އޮންނަ ވާދަވެރި އާންމު އިންތިޚާބު ކާމިޔާބުކުރުމުގެ ބުރަ މަސައްކަތްވެސް ވަނީ އޭނާއާ ހަވާލްކޮށްފަ އެވެ.
ހިޔާލު ހޯދުންތަކުގެ ނަތީޖާތައް ދައްކާ ގޮތުން އިދިކޮޅު ކޮންޒަވެޓިވް ޕާޓީއަށް ވުރެ ލޭބާ ޕާޓީގެ މަގުބޫލުކަން ބޮޑެވެ.
ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލެންޑަކީ ކޮވިޑް ހާލަތުގައި އެންމެ ފުރަތަމަ ބޯޑަރު ބަންދުކުރި އެއް ގައުމެވެ.
ނިއުޒިލެންޑުން ކުރިއަށް ގެންދިޔަ މިސިޔާސަތުން ކޮވިޑު ވައިރަހުން އެއްކޮށް މުޅި ގައުމަށް ރައްކާތެރިކަން ލިބުނު ނަމަވެސް ފަހުން އެންމެ ކޮވިޑް ކޭސް އެއް ފެނި، ޒީރޯ ޓޮލަރެންސް ސިޔާސަތު ހިންގައި ފުރަބަންދަކަށް ދިގުލުމުން ނިއުޒިލެންޑް މީހުން (ކިވީންތައް) ވަރުބަލިވެ ބޮލުރިހުމެއްކަމަށް އެކަން ވެފައިވެ އެވެ.
ބޮޑުވަޒީރު ހޮޕްކިންސް ވަނީ ހަރުކަށި ފުރަބަންދުތައް މަދުކުރުމަށް ކުރީކޮޅު ރުހިވަޑައިގެންފަ އެވެ.
އޭނާ ވަނީ ދާދިފަހުން މުހިންމު ވުޒާރާތައް ކަމުގައިވާ އެޑިޔުކޭޝަން، ޕޮލިސް އަދި ޕަބްލިކް ސާވިސްގެ ވަޒީރުކަމުގެ ޕޯޓްފޯލިއޯތަކާއި ހަވާލުވެވަޑައިގެންފަ އެވެ.
"ޗިޕީ"ގެ ވަނަމުން މުޚާތަބް ކުރެވޭ ދެ ކުދިންގެ ބައްޕައެއް ކަމުގައިވާ ބޮޑުވަޒީރު، ހޮޕްކިންސް ވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތަކަށް ވާނީ ބުރަކޮށް މަސައްކަތްކުރުމަށް ބޭނުންވާ ހުރިހާ ނިއުޒިލެންޑް މީހުންނަށް ފުރުސަތު ހޯދައިދިނުމާއި، ބުރަކޮށް މަސައްކަތްކޮށް އެމީހުންނަށާއި އެމީހުންގެ އާއިލާގެ ކުރިއެރުމަށް މަސައްކަތްކޮށް ކުރިއެރޭނެ ގޮތްތައް ހޯދައިދިނުމެވެ.
ބޮޑުވަޒީރު ހޮޕްކިންސްގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ކުރީގެ ބޮޑުވަޒީރު ޖެސިންޑާ ވަނީ އެކަމަނާގެ ބޮޑުވަޒީރުކަމުގެ ފަހު ދުވަހު، ވެލިންޓަންގެ އުތުރުގައި އޮންނަ ރަޓްނާ ޓައުނަށް، ސިޔާސީ ފަރާތްތަކާއި ވަނީތަ މައޮރީ ވެރިންނާ އެކު ވަޑައިގެންފަ އެވެ. ޖެސިންޑާ ވިދާޅުވެފައިވަނީ އެކަމަނާ ބެކްބެންޗް އެމްޕީ އެއްގެ ގޮތުގައާއި، މަންމައެއް އަދި ދައްތައެއްގެ ޒިންމާ ނެގުމަށް މިވަގުތު ތައްޔާރުވެފައިވާ ކަމަށެވެ.