ނިއު ޒިލޭންޑް

ނިއު ޒިލޭންޑުން މިއަންމާއާ ގުޅުން ކަނޑާލަނީ

މިއަންމާގައި ވެރިކަން އިންގިލާބުކޮށް މަދަނީ ސަރުކާރު ވައްޓާލައި ގައުމާ ހަވާލުވެ ތިބި އަސްކަރީ ވެރިންނާއެކު ރަސްމީ އެއްވެސް ކަމެއްގައި މުއާމަލާތް ނުކުރައްވާނެ ކަމަށް ނިއު ޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ އަސްކަރީ ލީޑަރުންނަށް ނިއު ޒިލޭންޑަށް އެރުން ވެސް މަނާކުރައްވާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ވިދާޅުވީ ނިއު ޒިލޭންޑުން މިއަންމާއަށް ފޯރުކޮށްދޭ އެހީތެރިކަމުން އެއްވެސް މިންވަރެއް އަސްކަރިއްޔާއަށް ދިއަނުދެއްވާނެ ކަމަށާއި އެހީއަށް ހަދާނުހަދާ ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެން، އަޅުގަނޑުމެންނަށް ކުރެވުނު ވަރެއް ކުރާނަން،" ބޮޑުވަޒީރު ވިދާޅުވި އެވެ. "މިއަންމާ ސަރުކާރުގެ ގޮތުގައި އަސްކަރީން އުފައްދާ ކައުންސިލްތައް އަޅުގަނޑުމެން ބަލައިނުގަންނާނަން. އަދި އަސްކަރީ ވެރިންނާއެކު ރަސްމީ އެއްވެސް ކަމެއްގައި މުއާމާލާތު ނުކުރާން" ޖަސިންޑާ ވިދާޅުވި އެވެ.

ޖެސިންޑާ ވިދާޅުވީ ނިއު ޒިލޭންޑުން މިއަންމާއަށް 2018 -2021 އާ ދެމެދު ގާތްގަނޑަކަށް 30 މިލިއަން ޑޮަލަރު އެހީގެ ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

ނިއު ޒިލޭންޑްގެ ފޮރިން މިނިސްޓަރު، ނަނަޔާ މަހޫޓާ ވިދާޅުވީ އަސްކަރީން ވެރިކަމެއް އުފެއްދި ނަމަވެސް އެއީ ސައްހަ ސަރުކާރެއް ގޮތުގައި ނިއު ޒިލޭންޑް ބަަަލައިނުގަންނާނެ ކަމަށާއި މިހާރުން މިހާރަށް ސިޔާސީ ވެރިން ދޫކޮށްލަން ގޮވާލައްވާ ކަމަަށެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ އަސްކަރީ ވެރިންނާއި އޮފިޝަލުންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް ދަތިކުރުމާ މެދު ވެސް ވިސްނާވަޑައިގަންނަވާ ކަމަށެވެ.

އަން ސަން ސޫޗީގެ މަދަނީ ސަރުކާރު އަސްކަރިއްޔާއިން ވައްޓާލުމަށް ފަހު ބުނަމުން ދަނީ ސައްހަ އަދި ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް ފަހު ކާމިޔާބު ހޯދާ ބަޔަކަށް ވެރިކަން ދޫކޮށްލާނެ ކަމަށެވެ.