މިއަންމާގައި މަދަނީ ވެރިކަން ޖަހައިގަނެގެން ތިބި އަސްކަރީ ބާރުތަކުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގައިފާނެ ކަމަށް އދ. ޚާއްސަ ރެޕްޓުއާ، ޓޮމް އެންޑްރޫސް ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތް ގުޅިގެން އަސްކަރިއްޔާއަށް ވިސްނައިދޭން ޖެހިފައިވާ ކަމަށާއި އެމަގު އިޚުތިޔާރު ނުކުރަން އަންގައިދޭން ޖެހިފައިވާ ކަމަށެވެ.
ރަންގޫންގައި އަދި ވަށައިގެންވާ ސިޓީތަކުގައި އަސްކަރިއްޔާއާ ދެކޮޅަށް މީހުން އެއްވާ ސަރަހައްދުތަކަށް ސިފައިން ފޮނުވާފައިވާ ކަމަށާއި މީހުން ޖަމާވިއަ ނުދިނުމަށް މަގުތައް ބަންދުކޮށް އާންމުން ފައްސަން ފަށާފަައިވާ ކަމަށް ޓޮމް އެންޑްރޫސް ބަޔާނެއް މެދުވެރިކޮށް ވަނީ ވިދާޅުވެފަ އެވެ.
"މާޒީއަށް ބަލާއިރު އާންމުނާ ދެކޮޅަށް ނެރޭ ސިފައިން މީހުން މަރައި ގަތުލުއާންމު ހިންގާފައި އެބަހުރި،" އެންޑްރޫ ވިދާޅުވެފައިވެ އެވެ. "މީހުން ގަނޑުކޮށް ގެއްލުވާލުމާއި ހައްޔަރުކޮށް އަނިޔާކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މިއަންމާގައި މިހާރު މަސްރަހު ބަދަލުވަމުން ދަނީ އަނިޔާވެރިކަމާ ދިމާއަށް ކަމަށާއި މިލިޓަރީއަށް ވިސްނައިދެވޭ ބަޔަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އުޅޭނެ ކަމަށް ރެޕަޓުއާގެ ބަޔާނުގަައި ބުނެ އެވެ.
"އާންމުނާ ސިފައިން ކުރިމަތިލުމަކީ ނުރައްކާތެރިކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ. "އަމުދުން މިއަންމާ ކަހަލަ ލާއިންސާނީ އަމަލުތަކަށް ފަރިތަ ސިފައިނަށް މީހުން މެރުމަކީ ވިސްނާލަން ވެސް ބޭނުންނުވާނެ ކަމެއް"
މިއަންމާގެ އަސްކަރިއްޔާއަށް ނުފޫޒުފޯރުވޭ ވަރުގެ ބަޔަކު ތިބި ނަމަ ލަސްނުކޮށް ވިސްނައިދޭން އެންޑްރޫ ވަނީ އެދިވަޑައިގެންފަ އެވެ. އަދި މަގުތަކަށް އެއްވެއުޅޭ އާންމުންނާ ކުރިމަތިނުލުމަށް އަސްކަރިއްޔާއަށް ބާރުއަޅައިދޭން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
މިއަންމާގައި އަސްކަރިއްޔާއިން ބަގާވާތްކޮށް ފެބްރުއަރީ އެކެއްގައި މަދަނީ ވެރިކަން އިންގިލާބުކުރި ފަހުން ގައުމުގެ މަސްލަހަތު ވަނީ މުޅިން ގެއްލިފަ އެވެ. އަދި އަސްކަރިއްޔާގެ ވެރިކަން ގަބޫލުނުކޮށް ވެރިކަމުގައި ހުންނެވި އަން ސަން ސޫޗީ ދޫކޮށްލުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.