މިއަންމާ

ޑިކްޓޭޓަރުން ބަލައިނުގަތުމަށް ސޫޗީގެ ޕާޓީން ދުނިޔެއަށް ގޮވާލައިފި

އަސްކަރީ އިންގިލާބެއްގައި މަދަނީ ސަރުކާރު ބަދަލުކޮށް މިއަންމާގައި މިހާރު އުފައްދާފައިވާ "ސްޓޭޓް އެޑްމިނިސްޓްރޭޓިވް ކައުންސިލް" ބަލައި ނުގަތުމަށް އދ. އަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް އަން ސަން ސޫޗީގެ ޕާޓީ، ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ (އެންއެލްޑީ) އިން ގޮވާލައިފި އެވެ.

މިއަންމާ މިހާރު ހިންގަނީ ފެބްރުއަރީ ދެވަނަ ދުވަހު އުފައްދާފައިވާ ސްޓޭޓް އެޑްމިނިސްޓްރޭޓިވް ކައުންސިލް އިންނެވެ. އަސްކަރިއްޔާއިން ސަރުކާރު އިންގިލާބުކޮށް ވައްޓާލުމަށް ފަހު، ސްޓޭޓް ކައުންސެލާ، އޮން ސަން ސޫޗީ އާއި ވެރިކަންކުރާ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.

ނެޝަނަލް ލީގް ފޮ ޑިވމޮކްރަސީން ނެރުނު ބަޔާނެއްގައި އެދިފައި ވަނީ އަސްކަރީ ސަރުކާރު ބަލައިނުގަތުމަށެވެ. ގާނޫނާ ގަވާއިދާ ޚިލާފަށް ސަރުކާރު ވައްޓާލައި އުފައްދާފައިވާ އެއްވެސް ކައުންސިލަކާއެކު މުއާމަމާތް ނުކުރުމަށް ވެސް އެދިފައިވެ އެވެ. އެންއެލްޑީން މިބަޔާން ނެރުނުއިރު އަސްކަރިއްޔާއިން އުފައްދާފައިވާ ސްޓޭޓް އެޑްމިނިސްޓްރޭޓިވް ކައުންސިލާއެކު ބައެއް އެމްބަސީތަކުން މުއާމަލާތް ކުރަން ފަށާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެންއެލްޑީގެ ސެންޓްރަލް އެގްޒެކެޓިވް ކޮމެޓީ މެމްބަރަކު މީޑިއާއަށް ބުނި ގޮތުން އަސްކަރިއްޔާއިން އުފައްދައިގެން އުޅޭ ކައުންސިލާއެކު މަސައްކަތްކުރަން ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުން އަންނަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އެގްޒެކެޓިވް ކޮމެޓީ މެމްބަރު ނުދެ އެވެ.

މިއަންމާގައި އަސްކަރީން އިންގިލާބުކޮށް މަދަނީ ސަރުކާރު ވައްޓާލުމާ ދެކޮޅު ހެދުމަށް މަގުތަކަށް މީހުން އެއްވެ ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މަގުތަކަށް އެއްވާ މީހުން އިތުރުވެ ކޮންޓްރޯލުން ނައްޓައި ދެން ހެދޭނެ ގޮތެއް ނެތިގެން ވަނީ އިންޓަނެޓް ވެސް ކަނޑާލާފަ އެވެ. އެހެނެއްކަމަކު މަގުތަކަށް އެއްވާ މީހުންގެ އަދަދަށް ބަދަލެއް އަންނާތީ ނުފެނެ އެވެ.

މިއަންމާ އަކީ ވަރަށް ގިނައިން ސަރުކާރު ފުށުންޖަހާ ގައުމެކެވެ. އެހެން ނަމަވެސް، އެހެން ފަހަރުތަކާ ޚިލާފަށް މިފަރު އާންމުން ތިބީ މާބޮޑަށް ރުޅިގަދަވެފަ އެވެ. މަގުތަކަށް ނިކުތުމަށް އާންމުންނަށް އެއްބަޔަކު ހިތްވަރުދޭއިރު ކާބޯތަކެއްޗާއި ބޭސް ފަރުވާއަށް ބޭނުންވާ މިހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އާންމުންގެ ތެރެއިން ގުރޫޕްތައް ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.