ދުނިޔެ

އިންޑިއާގެ ފެކްޓަރީއެއްގައި ރޯވެ 40 މީހުން މަރުވެއްޖެ

Dec 10, 2019

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ދަބަސް އުފައްދާ ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 40 މީހަކު މަރުވެއްޖެ އެވެ.

ފެކްޓަރީގައި އަލިފާން ރޯވެފައިވަނީ ފަތިހުގެ ވަގުތެއްގަ އެވެ. އޭރު ފެކްޓަރީގެ އެތެރޭގައި 100 މީހުން ތިއްބެވެ. އިންޑިއާ ސިފައިން ކުރި މަސައްކަތުން ވަނީ ފެކްޓަރީގައި ތާށިވެފައި ތިބި 60 މީހުން ސަލާމަތްކޮށްފަ އެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދިއްލީގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ އާޒާދު މާކެޓުގައި ހުރި ފެކްޓަރީގަ އެވެ.

އަލިފާން ރޯވި ހާދިސާގެ ތަހުގީގު މިހާރު ކުރަމުންދާއިރު މި ފެކްޓަރީއަކީ ގާނޫނާ ހިލާފަށް ހިންގަމުން އައި ތަނެއްކަން ވަނީ އެނގިފަ އެވެ. މީގެ އިތުރުން ފެކްޓަރީގެ ސަލާމަތީ ކަންކަން ވެސް ވަނީ ފުރިހަމަ ނުކޮށެވެ. އިންޑިއާގެ ވިޔަފާރި ކުންފުނިތަކުގެ ގާނޫނު ބުނާ ގޮތުން ނަމަ، ފެކްޓަރީތަކުގައި ސަރުކާރު ގާބޫލު ކުރާ ފެންވަރުގެ، އަލިފާނުން ރައްކާތެރިވުމުގެ މިންގަޑު އަންގައިދޭ ލައިސަންސް އޮންނަން ޖެހެ އެވެ. މި ލައިސަންސް ނެތި އެއްވެސް ފެކްޓަރީއެއް ނުހިންގޭނެ އެވެ.

ހާދިސާގެ މައުލޫމާތު ދެމުން އިންޑިއާ ސިފައިން ބުނީ، ފެކްޓަރީ އިމާރާތްކޮށްފައިވަނީ ތިން ބުރިއަށް ކަމަށެވެ. އަދި ފުރަތަމަ ބުރީގައި ރޯވި އަލިފާން ކޮންޓްރޯލްނުވެ އެންމެ މައްޗަށް ފެތުރުނީ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރުވި ފުލުހަކު ވަނީ އިމާރާތުގައި ތާށިވެފައި ތިބި 11 މީހުން ސަލާމަތްކޮށްފަ އެވެ. އޭނާއަށް މިހާރު ވަނީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މެޑަލް އަރުވާފަ އެވެ. ހީރޯއެއްގެ ގޮތުގައި އިންޑިއާގައި އިއްޔެ ސިފަ ކުރި ޝުކްލާ އަށް ވަނީ މިމީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ޒަހަމްތަކެއް ލިބިފަ އެެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ތެރެއިން ހާއްސަ ޓީމެއް އެކުލަވާލައްވައިފަ އެވެ.