މާލެ އަށް ފައިބާ ޓޫރިސްޓުން މަޑުކޮށްލާނެ ތަނަކާއެކު، މާލެ ސިޓީ ކައުންސިލުން މަސްވެރިންގެ ޕާކުގައި ފާހާނާ ބަރިއެއް ހަދައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އަވަސް ވިދާޅުވީ ކުންފުނިތަކުގެ މަސައްކަތުން ހަދާފައިވާ ޓޫރިސްޓުން މަޑުކޮށްލައިގެން ތިބޭ ތަނުގައި މާލެއާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ތަނެއްގެ އިތުރުން، ވެއިޓިން އޭރިއެއް ވެސް ހުންނާނެ ކަމަށެވެ.
"މިތަން ހާއްސަކުރަނީ ޓޫރިސްޓުންނަށް. ހާއްސަކޮށް ކްރޫޒްލައިނާއިން ފައިބާ މީހުންނަށް. މިތަން ހުޅުވުމުން މި ސަރަހައްދު ހާއްސަ ކުރަން ބޭނުންވަނީ ހަމައެކަނި ޓޫރިސްޓުން ފައިބަން. މި ބަދަލާއެކު މި ސަރަހައްދުގައި ސައިކަލް ޕާކު ކުރުމުގެ ހުއްދަ ނުދޭން ވާނީ ނިންމާފަ،" ޝިފާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހެދި މި ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއް ފާހާނާ އާއި އަންހެނުންނާއި ފިރިހެނުނަށް ވަކިން ޖުމްލަ އަށް ފާހާނާ ހުރެ އެވެ.
މޭޔަރު ވިދާޅުވީ މިތަނުގައި ވަގުތު ރެސްޓޯރެންޓެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާ، އެހެންވެ މިތަނުގެ މަތި ހާއްސަކޮށްފައިވާނީ މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ކަމަށާ، މިތަން ހަދާފައިވަނީ ކުންފުނިތަކުގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ.
"މަތީގައި ގޮނޑި ބަހައްޓާފައި ހުންނާނީ. ވެއިޓިން އޭރިއާއެއްގެ ގޮތުގައި. މިވަގުތު ރެސްޓޯރެންޓް/ ކެފޭ ހެދުމުގެ ވިސްނުމެއް ނެތް. މަޑުކޮށްލައިގެން މިތިބީ މިތަނަށް ހުރި ޝައުގުވެރިކަމެއް ބަލައިލަން،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިތަން ހެދުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދާފައިވާނެ ކަމަށެވެ.
"ކްރޫޒްލައިން ގެންނަ ފަރާތްތަކާވެސް މަޝްވަރާ ކުރިން. ބައެއް ޓުއާ އޮޕަރޭޓަރުންނާވެސް ވާހަކަ ދެކެވިފައިވާނެ،" ޝިފާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ފާހާނާ ބަރިއެއް ހުޅުވިއިރު، މިތަން ބޭނުންކުރާނެ އަގެއް އަދި އާއްމުކޮށްފައެއް ނުވެ އެެވެ.