އެމްޑަބްލިއުއެސްސީގެ އޭޕްރީލް މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދޭ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށެވެ.
މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭ އިރު މިދިޔަ ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތުގައި ޑިސްކައުންޓް ދީފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި 14 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީގެ ބިލްތަކުގެ 25 ޕަސެންޓެވެ.