ދުނިޔެ

މުޒާހަރާނުކޮށް ރައްޔިތުން މައިތިރިވެގެން ތިބެންވީ: މޯދީ

Dec 17, 2019
2

މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހެދި ގާނޫނާ ދެކޮޅަށް މިހާރު ހިނގަމުންދާ މުޒާހަރާތައް ހުއްޓާލައި، ރައްޔިތުން މައިތިރިވެގެން ތިބުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ މުސްލިމް ނޫން މީހުނަށް ރަށްވެހިކަން ލިބިދޭގޮތަށް ސިޓިޒެންޝިޕް ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ. ހިންދީ ދީނުގެ ފަލްސަފާއަށް އިސްކަން ދީ، އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނެއްގެ ގޮތުގައި ވިސްނައިދޭން މަސައްކަތް ކުރަމުން އަންނަ ކަމުގެ ތުހުމަތު އެޅިފައިވާ ބީޖޭޕީ ސަރުކާރުން ހެދި ގާނޫނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

މި އެންމެން މަރުވީ މުޒާހަރާގެ ތެރެއިން ފުލުހުން ބަޑި ޖެހުމުންނެވެ. މިކަމުގެ ތަހުގީގު މިހާރު ފަށާފައިވާއިރު މައްސަލައާ ގުޅިގެން އަދި އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައެއްނުވެ އެވެ. ބަޑި ޖެހި ފުލުހުން އަދިވެސް ގެންދަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަތިޔާރާއެކު ބައިވެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ވެސް ގެންދަނީ މަގުމަތީގައި ހުރި ސަރުކާރުގެ އުޅަނދުތަކުގައި އަލިފާން ރޯކުރަމުންނެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ބަޑި ޖަހަން ޖެހޭ ހިސާބަށް އަމަލުތައް ގޮސްފައިނުވާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

މޯދީ ގެންދަވަނީ ތަކުރާރުކޮށް ސިޓިޒެންޝިޕް ބިލަށް ގެނައި އިސްލާހު ދިފާއު ކުރައްވަމުންނެވެ. މޯދީ ވިދާޅުވީ، ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެއްވެސް ރައްޔިތަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި އެއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ގެނައި އިސްލާހެއް ނޫން ކަމަށެވެ. ނަމަވެސް އިސްލާހުގައި ވާގޮތުން އިންޑިއާގެ އައްސާމްގައި އުޅެމުންދާ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭނެ އެވެ. އަދި އެމީހުންގެ ނަން ދަފްތަރު ގައިވެސް ހިމާނާފައިނުވެ އެވެ.

ސިޓިޒަންޝިޕް އިސްލާހަކީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ސިފަކުރި ގޮތުގައި، ތަފާތުކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނާ ދެކޮޅު އިންޑިއާ މީހުންނާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރަނީ ހުރިހާ ވެސް މަގުސަދަކީ މުސްލިމުން ތަފާތުކުރުން ކަމަށެވެ.