ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމްޑީއެން އުވާލުމަކީ ބޮޑު ހިތްހަމަޖެހުމެއް، ޝުކުރިއްޔާ: މައުމޫން

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރަސްމީކޮށް އުވާލާ އެކަން އިއުލާނުކުރުމުން ދައުލަތުގެ މުއައްސަސާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ.

މައުމޫންގެ ޓްވީޓްގައި އެމްޑީއެން އުވާލި ކަމަށްޓަކައި ޔޫތު މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީއެން އުވާލުމަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ލޯބި ކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

އެމްޑީއެން އުވާލުމަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ލޯބި ކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް
އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސުލްޖުމްހޫރިއްޔާ

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ހެދި އެސެސެމަންޓްގައި ޔޫތް މިނިސްޓްރީއަށް އަންގާފައި ވަނީ އެ ރިޕޯޓުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ޔޫތް މިނިސްޓްރީއަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމިއްޔާ އުވާލަން އެ މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ ފަސް ދުވަހުގަ އެވެ. އަދި ޖަމިއްޔާއާ ބެހޭ ގާނޫނުގެ ދަށުން ޖަމިއްޔާއެއް އުވާލަން ނިންމުމުން އެ ޖަމިއްޔާއެއްގެ ދަރަންޏާ މުދަލާ ގުޅޭ ކަންކަން ނިންމަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް އެ ދުވަހު ދިނެވެ.

އެ މުއްދަތު މިއަދުގެ ހަމައަށް ހަމަވުމާ ގުޅިގެން ޔޫތް މިނިސްޓްރީން ނެރުނު ބަޔާޏެއްގައި ބުނީ މުދަލާއި ދަރަންޏާ އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ދިން 45 ދުވަހުގެ މުއްދަތު މިއަދަށް ހަމަވިއިރު ވެސް އެ ޖަމިއްޔާ އިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެމްޑީއެން އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރާ ކަމަށެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.