ކުޅިވަރު

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް

ފައިނަލުގައި ކުލަބުގެ ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޕޮލިހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރި ކޮށެވެ. އެ ސެޓް ޕޮލިހުން ގެންދިޔައީ 27-25 ންނެވެ.

ފަހު ދެ ސެޓް ޕޮލިހުން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ. ދެ ވަނަ ސެޓް 52-19 ން ގެންދިޔައިރު، ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ ނޭޕާލާްގެ ކުޅުންތެރިންތާ ޕްރަތީބާ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހާއި ގައުމީ ޓީމުގެ ވެސް ކެޕްޓަން ހައްވާ ރާޝިދާ އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހައްވަގެ އިތުރުން ހިމެނިފައި ވަނީ ޕޮލިސް ކުލަބުގެ ހައްވާ ސަހާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ. އަދި ހަމަ އެ ޓީމުގެ ޒޫޒާން ޒަރީރުގެ އިތުރުން ލިބަރޯ ނުހާ ވަހީދު އާއި އައިމިނަތު ސާހާ ޝާމިން އަދި ވެމްކޯގެ އާމިނަތު އަރީޝާ، މަރްޔަމް އަޒީފާ އަދި އާމިނަތު ރިޔާޝާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ފަތުހުﷲ ވަހީދު އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީވެސް ޕޮލިސް ކުލަބެވެ.