އެމްއެންޑީއެފް

ލެވެލް މަތިކުރީ ނުރަކަލެއް އޮވެގެނެއް ނޫން: އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރުގެ ލެވެލް މަތިކޮށްފައިވަނީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އަވަސްއާއި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވަލް ވަނީ އާދައިގެ ލެވަލް އަށްވުރެއް "އެއްލެވަލް" މަތިކުރެވިފައި ކަމަށެވެ. މިއީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއްނޫން ކަމަށާ އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިފައިންގެ އާންމު ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލު ކުރެވޭނެ ކަމަށެވެ. އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސާފައިވާތީވެ މިރެއިން ފެށިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.