ހަބަރު

ގެދޮރުގެ މައްސަލައަށް އަނެއްކާވެސް ތާރީހެއް

ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށޭ ވަރުވާނީ އަންނަ އަހަރު މެދެންހާތަނުގައި ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ނިމި 2020 ވަނަ އަހަރަށް ފަށަން ކައިރިވާތީ، ރައީސް އޮފީހުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިއަހަރު ތެރޭގައި ހާސިލްކޮށްފައިވާ ކަންކަން ފާހަގަކޮށް އެކަމާ ބެހޭ މައުލޫމާތުތައް ނޫސްވެރިންނަށް ދީފަ އެވެ.

އެގޮތުން ތައުލީމީ ދާއިރާއާ، ސިއްހީ ދާއިރާއާ، މާލީ ދާއިރާ އަދި އުމްރާނީ ތަރައްގީ އިން މި ސަރުކާރުން ހާސިލްކޮށްފައިވާ ކަންކަމުގެ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވެ ދެއްވިއެވެ. އޭގެ ތެރޭގައި ބޯހިޔާވެހިކަމާ ގުޅޭ ގޮތުން ބޮޑު ކަމެއް ހާސިލްވެފައި ނުވާތީ އެކަމާ ބެހޭ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ނޫސްވެރިއަކު ސުވާލު ކުރުމުން ހޫދު ވިދާޅުވީ މާލެ ސަރަހައްދުގައި ހައުސިން މަޝްރޫއެއް ކުރިޔަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިން ލަަފާ ކުރި ވަރަށް ވުރެ އެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މެދެންހާ ހިސާބުގައި އެކަން ފަށާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

"ހައުސިންގެ މަޝްރޫއެއް މާލެ ސަރަހައްދުގައި އިއުލާން ކުރާނެ. އޭގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދޭ. އަޅުގަނޑުމެން ކުރިން ލަފާ ކުރި ގޮތަށް ވުރެ ކަންތައްތަކެއް ވުމާއެކު އެކަންކަން ރިވިއުކޮށް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކޮންމެވެސް ހިސާބެއްގައި އަވަސް މުއްދަތެއްގައި އެކަން ވާނެ،" ހޫދު ވިދާޅުވި އެވެ.

ކުލި އަގުބޮޑުވުމުގެ އިތުރުން ގެދޮރު ހޯދުމުގެ ދަތިކަމަކީ މިދިޔަ ސަރުކާރުތަކަށް ހައްލު ނުވި މައްސަލައެކެވެ. ފްލެޓު އަޅުމަށް ހިންގި ގިނަ ބޮޑެތި މަޝްރޫއުތައް ވަނީ ސަރުކާރުތައް ބަދަލުވުމުގެ މަރުހަލާގައި ހުއްޓިފަ އެވެ.

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ހަވާލުވެގެން ހުންނެވި އިރު ގުޅިފަޅުގައި ގިނަ އަދަދެއްގެ ފްލެޓު އަޅައި މީހުން އަތުން ގިނަ ފައިސާތަކެއް ވެސް ނެގި އެވެ. ނަމަވެސް އޭރު ސަރުކާރު ބަދަލުވެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވި ފަހުން އެއީ "ފެންވަރު ދަށް، އަދި މީހުން ދިރިއުޅެން އެކަށީގެންވާ ނުވާ" ތަނެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވި އެވެ. އޭގެ ފަހުން އެ ފްލެޓުތައް ހުރީ ފަޅަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ފެށީ ރިޔާސީ އިންތިހާބު އޮތް 2018 ވަނަ އަހަރުގަ އެވެ. އެގޮތުން ފްލެޓު އެޅުމުގެ ކުރިން އެ ފްލެޓު ހޯދުމަށް ސަރުކާރުން ހުޅުވާލުމާއެކު ބައިލައްކައެއްހާ ފޯމް ރައްޔިތުން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. އަދި ފްލެޓު ދޭނެ ކަމުގެ ލިޔުން ދިނުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފެއްޓެވި އެވެ.

މި ސަރުކާރާ ހަމަޔަށް އައިއިރު އެ ފްލެޓުތަކުގެ މަސައްކަތް އޮތީ ނިމެން ކައިރިވެފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވި ގޮތުގައި "އެތަނަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރު ތަނެއް ނޫނެވެ." އަދި އެ ފްލެޓުތައް ދިން ގޮތުގެ މައްސަލަތައް ވެސް ހުރުމުން ކޮމިޓީއެއް އުފައްދަވާ އެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިޔަށް އެބަދެ އެވެ. އަދި އެ ފްލެޓަށް ވެސް އެއްވެސް މީހަކަށް ވަދެވޭ ވަރެއް ނުވެ އެވެ.