އިމިގްރޭޝަން

އިންސާނީ ވަގުފާރި ކުރާކަމަށް ތުހުމަތު ކުރޭ ކުންފުނިތަކެއްގެ ބަލަން ހުށައަޅައިފި

އިންސާނީ ވަގުފާރި ކުރާކަމަށް ތުހުމަތު ކުރޭ ކުންފުނިތަކެއްގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނީ އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަސްރޫއުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި އަމަލު ހިންގާ އަދި ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ ބެލުމަށް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލަތައް ބެލުމަށް ފުލުހަށް ހުށައަޅާފައިވަނީ މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުއާމަލާތްތަކާއި، މި މައްސަލަތަކުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައުލޫމާތާއެކު ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމެންދެން މި ތިން ކުންފުނީގެ ހިއްސާދާރުންނާއި، މި މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދާ ބިދޭސީންނާ ގުޅުންހުރި ހިދުމަތްތައް ވަނީ މެދުކަނޑާލާފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިފަހަރު ހުށައެެޅުނު ތިން މައްސަލައާއެކު މިހާތަނަށް މިފަދަ 27 މައްސަލައެއް އެ ފަރާތުން ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށެވެ.