އަލީ ހުސައިން

"ހައްލުވާނީ މާލެ ފުރިއްޖެ ކަމަށް ގަބޫލު ކުރުމުން"

މާލޭގެ ކުލީގެ މައްސަލަަ ހައްލު ވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައި އޮތުން ކުޑަކޮށް، މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލު ކޮށްގެން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެކަމާ ގުޅިގެނެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން އިއްޔެ ހަވީރު ވަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފަ އެވެ.

އަތޮޅުތައް ތަރައްގީކޮށް އާބާދު ކުރަން ވަކާލާތު ކުރައްވާ މެންބަރު އަލީ ހުސައިން ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައި އޮންނަ އޮތުން ކުޑަ ކުރުމުން ކަމަށެވެ. އަދި މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތްތައް ހެދުމުން ކަމަށެވެ.

"މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓްތައް އެހެން ސަރަހައްދަކަށް ގެންދަންޖެހޭ. މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލު ކުރަންޖެހޭ." އަލީ ހުސައިން ވިދާޅުވިއެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ. އެމްޓީޔޫން އިން ބުނީ މިހާތަނަށް އައިއިރު އެ ކަމަށް އަމަލީ މަސައްކަތެއް ކުރި ތަނެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން އެދެނީ ސީދާ ކުލި ކޮންޓްރޯލް ކުރަން ކަމަށެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރާއިރު، މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މައްދާގައި ބުނާ ގޮތުން މުޖުތަމައުގެ އާންމު ހާލަތު މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނުވަތަ މަޖިލީހުގައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އާންމުންގެ ވިސްނުން ހާމަ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ ކަމަށެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅެމުގެ މަސައްކަތް ފަށާފައި މިވަނީ، ސަރުކާރުގެ ފަރާތުން ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ. އެކަމަކު ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެ އެވެ.