މުދަލާއި ހިދުމަތުގެ އަގު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މާލޭގެ ބޮޑު ކުލި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ފަށާފައިވާއިރު، މާލޭގެ ކުލީގެ މައްސަލައިގެ އަޑު މި ދުވަސްވަރު ވަނީ ގަދަވެފައެވެ.
މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މަސައްކަތް ކުރަމުން ދަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ. އެ ޕެޓިޝަންގައި ގިނަ ބަޔަކު ދަނީ ސޮއިކުރަމުންނެވެ.
ކުލީގެ މައްސަލާގައި މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މެންބަރު އަލީ ހުސައިން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގު އުފުލުމުގައި އެންބޮޑު ދައުރެއް އަދާކުރަނީ މާލޭގެ ބޮޑުކުލި ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުގެ މައިގަނޑު ބަޔަކީ މާލޭގެ ބޮޑު ކުއްޔަށް އެކި ގޮތްގޮތުން ކުރާ ހަރަދު ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަޒަރުގައި މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރުމަކީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް މެންބަރު އަލީ ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލު ވެސް ކުރެވޭނެ ކަމަށާ އަދި ރެގިޔުލޭޓު ވެސް ކުރެވޭނެ ކަމަށެވެ.
މާލޭގެ ގެތަކުގެ ކުލި ދަށް ވެސް ކުރެވޭނެ ކަމަށާ އެކަމަށް ބޭނުންވަނީ ސިޔާސީ ހިއްވަރެއް ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެންމެއިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަމުދުން ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން." އަލީ ހުސައިން ވިދާޅުވިއެވެ.
ބައެއް މެންބަރުން ވިދާޅުވީ ގާނޫނަކީ ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުވެ، ބޭންކުތަކުން އިމާރާތް ކުުރުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުރެވިގެން ކަމަށެވެ.
އަދި ބޭންކުތަކުން ނަގަންޖެހޭ ރިސްކުތައް ކުޑަކުރުމަށް ދައުލަތުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.