ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރަން ނިންމާ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ. މި ގޯތިތައް އަންނަ އަހަރު ނިމުމުގެ ކުރީން ދީ މުޅިން ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އެ ނިންމުމާއި ގުޅިގެން ވަރަށް ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާ ބޮޑުވެފައި ވަނިކޮށް އެތައް ބިލިއަން ރުފިޔާއެއްގެ އަގުހުރި ބިން މަދު ބަޔަކަށް ހިލޭ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަމާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި މަޖިލީސް މެންބަރުންނާއި ގާނޫނީ ވަކީލުންވެސް ހިމެނެއެވެ.
އެފަދަ އެއް ބޭފުޅަކީ މެންބަރު އަލީ ހުސައިންނެވެ. އަލީ ހުސައިން ރޭ ވިދާޅުވީ ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ގައުމެއްގައި ކުރާ ކަމެއް ނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދައަށް މުޒާހަރާ ކުރީސް ކަމަށް ވިދާޅުވިއެވެ.
މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި ލިބެން އޮތީ ހިލޭ ނޫން ކަަމަށް ވިދާޅުވެ ހާލަތުގެ ގޮތުން މާލޭގެ ރައްޔިތުންނަށް ހިލޭ މިވަގުތު ގޯތި ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލަވެސް ހުށައަޅާފައެވެ.