ސަލްމާން ހާން

ސަލްމާން "ސައްތޭ ޕެ ސައްތާ" ނުކުޅޭނެ

އަމީތާބު ބައްޗަން ވަރަށް ކުރިން ކުޅުނު މަޝްހޫރު ފިލްމެއް ކަމަށްވާ "ސައްތޭ ޕެ ސައްތާ" އަލުން އުފައްދަން ޑައިރެކްޓަރު ފަރާ ޚާން އާއި ރޯހިތު ޝެޓީ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ފިލްމުގެ އެންމެ މުހިއްމު ރޯލަށް ސަލްމާން ޚާން އެއްބަސް ކުރުވޭތޯ ފަރާ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ.

ސަލްމާން ވަނީ ފަރާގެ "އޯމް ޝާންތީ އޯމް" އާއި "ތީސް މާރް ޚާން" ގައި ވެސް މެހެމާނެއްގެ ރޯލު ކުޅެފަ އެވެ. ނަމަވެސް މިފަހަރުގެ ފިލްމު ކުޅެދޭން ސަލްމާން އެއްބަސް ނުވި ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ސަލްމާން މި ފިލްމަށް ނޫނެކޭ ބުނީ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހިގެނެވެ. ކުރިން މި ފިލްމު ހުށަހެޅީ ރިތިކް ރޯޝަން އަށެވެ. ނަމަވެސް ރިތިކް އާއި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން މި ސްކްރިޕްޓް ބަލާފައި އެއަށް ބައެއް ބަދަލުތައް ގެންނަން ފަރާއަށް ހުށަހެޅި އެވެ. ފަރާ އެކަމާ އެއްބަސް ނުވުމުން ރިތިކް ފިލްމު ނުކުޅޭން ނިންމީ އެވެ.

ފަރާ އާއި ރޯހިތު މި ފިލްމު ކުޅެދޭތޯ ސަލްމާން ކައިރިއަށް ދިޔައީ ރިތިކް ނޫނެކޭ ބުނީމަ އެވެ. ފަރާ އާއި ރޯހިތު ސަލްމާން ލައްވާ ގަބޫލު ކުރުވަން ބޭނުންވީ އޭނާ އަކީ އެންމެން ވެސް ބޭބެ ކިޔައިގެން ވަރަށް ގާތް ގުޅުމެއް ބާއްވާ މީހަކަށް ވާތީ "ސައްތޭ ޕެ ސައްތާ" ގައި ހުރިހާ އެންމެންގެ ބޭބެގެ ރޯލު ކުޅެން އޭނާއަށް ވުރެ ވަކިން ރަނގަޅު އެކްޓަރެއް ނެތް ކަމަށެވެ. ނަމަވެސް ސަލްމާން ފިލްމު ކުޅެދޭން އެއްބަސްވާ ވަރަކަށް ރޯހިތު އާއި ފަރާ އަކަށް އޭނާއާ ވާހަކައެއް ނުދެއްކުނެވެ.

މި ފިލްމަށް ސަލްމާން ސޮއި ކުރި ނަމަވެސް ބަތަލާ އަކަށް ހަމަޖައްސާފައިވާ އަނުޝްކާ ޝަރުމާ ފިލްމުން ވަކި ކުރަން ޖެހުނީހެވެ. ސަބަބަކީ "ސުލްތާން" ކުޅުނު ފަހުން އަނުޝްކާ އާއި ސަލްމާންގެ މެދުގައި މައްސަލަތައް ޖެހިފައި ވާތީ އެވެ. ނަމަވެސް މިހާރު ސަލްމާން ފިލްމުގައި ބައިވެރި ނުވާތީ އަނުޝްކާ ފިލްމުން ވަކި ކުރަން ޖެހޭނެ ކަމަކަށް ނުބެލެވެ އެވެ.