ހަބަރު

ކުލި ކުޑަކުރުމުގެ ބަހުސް: މެންބަރުންގެ ހިޔާލުވެސް ދެކަފި

ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ފަށާފައިވާއިރު، ކުލި ކޮންޓްރޯލް ކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަފާތު ހިޔާލުތައް ފާޅުކުރައްވަން ފައްޓަވައިފި އެވެ.

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މަސައްކަތް ކުރަމުން ދަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ.

ބައެއް މެންބަރުންގެ ނަޒަރުގައި ކުލި ކޮންޓްރޯލް ނުކުރެވޭނެ އެވެ. އަދި ބައެއް މެންބަރުންގެ ނަޒަރުގައި ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެކެވެ.

މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގާނޫނަކީ ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުވެ، ބޭންކުތަކުން އިމާރާތް ކުުރުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުރެވިގެން ކަމަށެވެ.

އަދި ބޭންކުތަކުން ނަގަންޖެހޭ ރިސްކުތައް ކުޑަކުރުމަށް ދައުލަތުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގާނޫނަކުން ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން. ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުވެ، ބޭންކުތަކުން އިމާރާތް ކުުރުމަށް ނަގާ ލޯންގެ އިންޓްރެސްޓް ރޭޓް ކުޑަކުރެވި އަދި ބޭންކުތަކުން ނަގަންޖެހޭ ރިސްކު ކުޑަކުރުމަށް ދައުލަތުން ކޮށްދޭންޖެހޭ ކަންކަންވެސް ކޮށްގެން
އަބްދުﷲ ރިޔާޒް | ތިމަރަފުށީ ދާއިރާގެ މެންބަރު

މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލު ވެސް ކުރެވޭނެ ކަމަށާ އަދި ރެގިޔުލޭޓު ވެސް ކުރެވޭނެ ކަމަށެވެ.

މާލޭގެ ގެތަކުގެ ކުލި ދަށް ވެސް ކުރެވޭނެ ކަމަށާ އެކަމަށް ބޭނުންވަނީ ސިޔާސީ ހިއްވަރެއް ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެންމެއިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަމުދުން ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން." އަލީ ހުސައިން ވިދާޅުވިއެވެ.

ކުލި ކޮންޓްރޯލުވެސް ކުރެވޭނެ ނޫނީ ރެގިޔުލޭޓުވެސް ކުރެވޭނެ. ކުލި ދައްވެސް ކުރެވޭނެ. ބޭނުންވަނީ ސިޔާސީ ހިއްވަރު. އެންމެއިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހެދުން. އަމުދުން ދައުލަތުގެ މލްކުވެރިކަންއޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން
އަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލެއަށް މީހުން ބަދަލު ނުވާނީ މާލޭގައި ހުިރ ހިދުމަތްތައް އެހެން ރަށްރަށުން ލިބިގެން ކަމަށެވެ.

"އެކަންވާނެ ކަމަށް ރަނގަޅު. އެއީ 200 މާލެ އުފެެއްދުން." މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ވިދާޅުވެފައެވެ.

ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިންކަމް ޓެކްސް ބިލު ފާސް ކުރުމާ ގުޅިގެން މާލޭގައި ގެދޮރުގެ ކުލިތައް އާދަޔާ ހިލާފަށް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކުލި ކުޑަވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. މާލޭގައި އަދި އެއްވެސް ރަށެއްގައި ކުލި ކޮންޓްރޯލް ކުރެވޭނެ އުސޫލެއް ނެތް ކަމަށާއި އެފަދަ އުސޫލެއް ސަރުކާރަކަށް ނުވެސް ހެދޭނެ ކަމަށެވެ. އަދި ކުލި ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގެ މީހުން އިމާރާތް ކުރަނީ ވިޔަފާރި ރޭޓުގައި ލޯނު ނަގައިގެން ބޮޑު ޕަސަންޓޭޖެއް. އެހެންވީމަ ކޮމާޝަލް ލޯން ނަގައިގެން ހަތަރު އަހަރު ދައްކަން އަޅާ ތަނެއްގެ ކުލި ހުންނަން ވާނީ ވަކި ވަރަކަށޭ ސަރުކާރުން ނުވެސް ބުނާނެ އަޅުގަނޑު ދެކޭ ގޮތުގައި. އެހެންވެ ކުލި ކޮންޓްރޯލުކޮށްފި ނަމަ ލޯނު ދޭން ބެންކުތަކަށް ޕްރޮޖެކްޓް ފީސިބަލްއެއް ނުވާނެ. ބޮޑު ލޯނެއް ނަގައިގެން ކުރު މުއްދަތެއްގަ ދައްކަން އަޅަފައި ހުންނަ އިމާރާާތްތައްކުގެ ކުލި ވަކި ވަރަކަށް ވުރެ ތިރިއެއް ނުވާނެ," ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ މާލޭގައި އުޅޭނެ ތަނެއް ނެތިގެން ކޮންމެ އަގެއްގައި ވެސް ކުއްޔަށް ހިފަން ޖެހޭ ވަރަށް ޗޮއިސް ނެތިގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ މާ ނިކަމެތި ހާލުގައި ކަމަށް ހުސެއިން ވިދާޅުވި އެވެ.

މާލޭގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ހުށަހަޅާ ޕެޓިޝަންގެ މަސައްކަތް ކުރާ އެމްޓީޔޫ އިން ދަނީ ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ. އެ މީހުން ބުނީ މިހާތަނަށް އައިއިރު ސަރުކާރުގެ ސިޔާސަތުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރި ތަނެއް ނުފެންނަ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާއިން އެދެނީ ގާނޫނަކުން ނަމަވެސް ސީދާ ކުލި ކޮންޓްރޯލް ކުރަން ކަމަށެވެ.