ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށައެޅިފައި ވަނީ ހަވީރުގެ ވަގުތުތަކުގައި ކަމަށާ އެހެން ކަމުން އެ ވަގުތުތަކަށް މުދަލުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިއްޖެ އެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކުރެވިފައި ވަނީ މި އަހަރުގައި ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަދައެވެ. އެ ހަބަރުތައް މިއަދު ނޫސްތަކުގައި ޝާއިއުކުރުމުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދުވެސް ވަނީ ވޭތިވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ މުއައްސަސާއަށް ހުށައެޅިފައިވާ ވައްކަމުގެ މައްސަލަތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ސީޕީ ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ވައްކަމުގެ 10 މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގޭގެއިން ވައްކަން ކުރުމުގެ ދެ މައްސަލައަކާއި، މަގުމަތީ ވައްކަމުގެ ހަތް މައްސަލައަކާއި، ގުދަނަކުން ވައްކަން ކުރި މައްސަލައެއް ހިމެނޭ ކަމަށެވެ.
ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށައެޅިފައިވަނީ ހަވީރު 17:00 އާއި 18:00 ދެމެދު ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެން ކަމުން އެ ވަގުތުތަކަށް މުދަލުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސީޕީ ވަނީ އެދިފައެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން ފުލުހަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެ ގޮތުން އެއިން ކޮންމެ އަހަރަކު ވެސް 3،000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް 4،526 ވައްކަމުގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. މިއީ މިދިޔަ އަހަރަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކަށް ބަލާއިރު 1،000 އަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 3،272 ވައްކަމުގެ މައްސަލައެކެވެ. 2017 ވަނަ އަހަރު 3،504 ވައްކަމުގެ މައްސަލަ ހުށަހެޅިއިރު، 2016 ވަނަ އަހަރު ހުށަހަޅާފައި ވަނީ 3،617 މައްސަލަ އެވެ. އަދި 2015 ވަނަ އަހަރުގައި 4،008 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މި އަހަރު ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބަލާއިރު މާރާމާރީގެ މައްސަލަތައް މި އަހަރު މަދުވެފައިވާ ކަން ފުލުހުން ފާހަގަ ކުރެ އެވެ. އެ ގޮތުން މިދިޔަ ދެ އަހަރަށްވުރެ މި އަހަރު ފުލުހަށް ހުށަހެޅިފައިވާ މާރާމާރީގެ މައްސަލަތައް މަދެވެ. 2017 ވަނަ އަހަރު އޭގެ 771 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ އަހަރު ހުށަހެޅީ 752 މައްސަލަ އެކެވެ. މި އަހަރު އެ އަދަދު ވަނީ 629 އަކަށް މަދުވެފަ އެވެ.
މި އަހަރުގެ ތަފާސްހިސާބު
- ގެވެށި އަނިޔާ: 220 މައްސަލަ
- މަސްތުވާތަކެތި: 2169 މައްސަލަ
- މާރާމާރީ: 629 މައްސަލަ
- ޖިންސީ ގޯނާ: 400 މައްސަލަ
- ފޭރުން: 481 މައްސަލަ
- ވައްކަން: 4526 މައްސަލަ
- ޓްރެފިކް: 2316 މައްސަލަ