ރާއްޖޭގެ ފުޓްބޯޅަ އޮތީ ޗުއްޓީ މޯޑްގައި ކަމަށާއި އެއްވެސް ވަރަކަށް ހަރާކަތްތެރިކަމެއް ނުފެންނަ ކަމަށް، ށ. ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގްގައި އިއްޔަ ޓީސީ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ނިޝްތާރު ވަނީ އޭނާގެ ފާޑު ކިޔުން ރެފްރީންނަށް އަމާޒު ކޮށްފަ އެވެ. ޓީސީގެ އިސްމާއީލް އީސާ (މެސީ) ރެފްރީއަށް ހަޅޭއް ލަވަމުން ދިޔައިރުވެސް ކާޑު ނުދައްކާ ކަމަށް ނިޝްތާރު ފާހަގަ ކުރި އެވެ.
"އެހެން ހަޅޭއް ލަވަންޏާ ކާޑު ދެއްކުން އެއީ އޮންނަ ކަމެއް،" ހިތްހިމަ ނުޖެހުންތަކާއެކު ނިޝްތާރު ބުންޏެވެ. "އެއް ފަހަރަކު ދެ ފަހަރަކު ނޫން، މެޗު ފެށުނީން ސުރެ ހަމަ ހަޅޭއް ލަވަނީ، ކާޑެއް ދައްކާލަކަށް ނުކެރޭ."
މި ފަހަކަށް އައިސް ދިވެހި ޕްރިމިއާ ލީގްގެ މެޗުތައް ތަޖުރިބާ މަދު ޒުވާން ރެފްރީންވެސް ނެރެ އެވެ. ތަޖުރިބާކާރު ރެފްރީންލީގް އަލުން ފެށިއރު މެޗުތަކުން ފެންނަލެ މަދެވެ.
ލީގްގެ ފުރަތަމަ ބުރުން ފެށިގެން ފޯކައިދޫ އަށް ވަނީ ފައިސާގެ މައްސަލަ ކުރިމަތި ވެފަ އެވެ. އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެހެން ކުލަބުތަކަށް ދީފައިވާ އުސޫލުން ފޯކައިދޫއަށް ނުލިބޭކަން އެ ކުލަބުން މީގެ ކުރިންވެސް ބުނެފައި ވެއެވެ. އިއްޔަގެ މެޗަށް ފަހު ވާހަކަ ދައްކަމުން ނިޝްތާރުވެސް ބުނީ، އެހެން ޓީމުތަކަށް ލިބޭ ފުރުސަތު ފޯކައިދޫއަށްވެސް ހަމަހަމައަށް ލިބޭނަމަ ފޯކައިދޫގެ ހާލަތު އެހާހިސާބަށް ނުދާނެ ކަމަށެވެ.
އޭނާ ބުނީ، މެޗަށް ކުޅުންތެރިން ހަމަ ވަނީވެސް ކިރިޔާ ކަމަށާއި ބައެއް ކުޅުންތެރިން މެޗަށް މާލެ އަންނަނީ ދުރު ރަށްރަށުން ދަތުރު ކޮށްފައި ކަމަށެވެ.
"ދޯނީގައި ދަތުރު ކޮށްފައި މެޗަށް އަންނަ ކުޅުންތެރިން މިިތިބީ، އެހެންވީމަ އަކުނިވަޔަށްވެސް ދަމާނެ، ވަރުބަލިވެސް ވާނެ، އެ ހާލަތުގައިވެސް ކުޅުންތެރިން ކުޅުނީ ވަރަށް ރަނގަޅު ގޭމެއް،" ނިޝްތާރު ބުންޏެވެ. "ހުރިހާ ޓީމަކަށްވެސް ފެއާކޮށް ކަންކަން ވާނަމަ ފޯކައިދޫވެސް މިގޮތަކަށް ނޯންނާނެ، އަޅުގަނޑުމެން ފެށުނީން ސުރެ މި އުޅެނީ މިހާލެއްގައި."
އެފްއޭއެމުން ލިބެންޖެހޭ ފައިސާ ބަރާބަރަށް ލިބިފައިވޭތޯ މިއަދު އަވަސް އިން ސުވާލު ކުރުމުން ނިޝްތާރު ބުނީ، މެނޭޖުމެންޓް ސައިޑުން ވާހަކަ ދައްކާނީ ޓީމުގެ ސީނިއާ މެނޭޖުމެންޓުން ކަމަށެވެ.
ޓީމުތަކުގެ ހާލަތު ދަށަށް ގޮސްފައި ވުމުން ކުޅުންތެރިން މޯޓިވޭޓް ކުރުމަށްވެސް ދަތިތަކާ ކުރިމަތި ވެފައިވާކަން ގިނަ ކޯޗުން ދަނީ ފާހަގަ ކުރަމުންނެވެ. ފ. ނިލަންދޫގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ ސީރިއަސް މެޗުތަކަކަށް ނުކުންނައިރު ކުޅުންތެރިންގެ މޯޓިވޭޝަން ދަށް ވުމަކީ މިހާލަތުގައި ގާތް ކަމެއް ކަމަށެވެ.
ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ޓީމުތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މިހާރު އޮތީ މަސައްކަތް ކުރަންވެސް އުނދަގޫ ހާލަތެއްގައި ކަމަށެވެ.