ދިވެހި ޕްރެމިއާ ލީގް

ދިވެހި ޕްރިމިއާ ލީގް މާދަމާ އަލުން ފަށަން ހުއްދަ ދީފި

ކޮވިޑް-19ގެ އާ ވޭރިއަންޓްގެ ނުރައްކާ މިދިޔަ މަހު ބޮޑުވުމުން މެދުކަނޑާލަން އެންގި ދިވެހި ޕްރިމިއާ ލީގް، އަލުން ފެށުމުގެ ހުއްދަ ދީފި އެވެ.

ކަމާ ގުޅޭ މުއައްސަސާތަކުން އެކަމުގެ ހުއްދަ ދީފައިވާކަން އިއުލާން ކުރައްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޕްރިމިއާ ލީގް މާދަމާ އަލުން ފެށުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމުން، ބައްސާމް ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ސްޕޯޓްްސް މިނިސްޓަރު އަހްމަދު މަހްލޫފަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ލީގް މެދުކަނޑާލީ، ލީގުގެ ތިންވަނަ ހަފުތާގެ އެންމެ ފަހު ދެ މެޗް އޮތް ދުވަހު އެވެ. އެހެންވެ އެ ދުވަހު ކުޅެން ހަމަޖެހިފައިވާ ދެ މެޗުވެސް ފަސް ކުރީ އެވެ. އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ، މާޒިޔާ އާއި ދަ ގުރާންޑޭ ކުޅުނު މެޗެވެ. އެ މެޗުން ގުރާންޑޭ ބަލިކޮށް، މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނެގި އެވެ.

މާޒިޔާ، ދަ ގުރާންޑޭގެ އިތުރުން ވެލެންސިއާ އަދި ޓީސީން ވަނީ ކޮންމެ ޓީމެއް ނުވަ މެޗު ކުޅެފަ އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް، އީގަލްސް، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ، ކޮންމެ ޓީމަކުން ކުޅެފައިވަނީ އަށް މެޗެވެ.

މާދަމާ ލީގް ފަށާނެ ކަމަށް ބައްސާމް ވިދާޅުވި ނަމަވެސް، ލީގުގެ ޝެޑިއުލް އަދި އެފްއޭއެމުން ނުރެފައެއް ނުވެ އެވެ. ކުރިން އޮތް ޝެޑިއުލްގައި އޮތް ގޮތުންނަމަ، ލީގް އަލުން ކުޅެން ފަށާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި އީގަލްސްގެ މެޗުންނެވެ.

ލީގް މެދުކަނޑާލުމުން ކުޅުންތެރިންނާއި ކޯޗުންގެ އާމްމުދަނީއަށް އަސަރު ކުރުމުން، ކުޅުންތެރިން ނުކުމެ ލީގް އަލުން ފެށުމުުގެ ހުއްދަ ދިނުމަށް ގޮވާލި އެވެ. އަދި ކޯޗުންނާއި ކުލަބުތަކުގެ އިސްވެރިންވެސް ނުކުމެ، ކުލަބުތަކަށް މާލީ ގޮތުން ކުރިމަތިވާ ގެއްލުމުގެ ކަންބޮޑުވުންތައް މީޑިއާގައި ތިލަ ކުރި އެވެ.

ކުޅުންތެރިންނާއި ކުލަބުތަކުގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެޗްޕީއޭއިން މިދިޔަ މަހު 28 ގައި ކުލަބުތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނެވެ. ކުލަބުތައް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިން ނަމަވެސް، ލީގް ފަށާނެ ދުވަހެއް މިއަދާ ހަމައަށްވެސް އޮތީ ނޭނގި އެވެ. މިދިޔަ އާދިއްތަ ދުވަހު ބައްސާމް ވެސް ވަނީ އެޗްޕީއޭގެ ނިންމުންތަކުގެ ސަބަބުން ގައުމީ ޓީމަށާއި ކުލަބުތަކަށް އޭގެ އަސަރު ކަރުމުންދާކަން ފާހަގަކުރައްވާފަ އެވެ.

ލީގް އަލުން ފެށުމަށް އެފްއޭއެމް އާއި ކުލަބުތަކުން ތައްޔާރުވަމުން ދަނީ، ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހު އެވެ. ގައުމީ ވެކްސިން ކެމްޕޭންގެ ވެކްސިންގެ ފުރަތަމަ ޑޯޒް، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ ހުރިހާ ކުޅުންތެރިންނާއި ކުލަބުތަކުގެ ކޯޗުން އަދި އޮފިޝަލުން ވަނީ ޖަހާފަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ޑިސްއިންފެކްޝަން ގޭޓެއް ވެސް މިހާރު ވަނީ ހަރުކޮށްފަ އެވެ.

ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލަން އެޗްޕީއޭއިން މިދިޔަ މަހު އެންގީ، ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތްވެސް ފަށަން ހަތަރު ދުވަހަށް ވެފަައި ވަނިކޮށެވެ. އެ ޑިވިޝަންގެ ކުޅުން ފެށޭނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.