ދިވެހި ޕްރެމިއާ ލީގް

2023 ގައި ދިވެހި ލީގް މުޅި ރާއްޖެއަށް

ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއާ ލީގްގެ 2023 ގެ ސީޒަން މުޅި ރާއްޖެއަށް ފުޅާ ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބު ވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ބުނީ، ދިވެހި ޕްރިމިއާ ލީގް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން 2023-24 ސީޒަން ފަށާނީ ހޯމް އެންޑް އަވޭސް އުސޫލުން ކަމަށެވެ. އެ ފޯމެޓަށް ލީގް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެފްއޭއޭމްގެ ނައިބު ރައީސް އަލީ އުމަރާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން އާހަވާލު ކޮށްފައި ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، މުޅި ރާއްޖެއަށް ލީގް ފުޅާކުރާއިރު ދިވެހި ލީގް ހިންގައި މެނޭޖު ކުރުމަށް ވަކި ހާއްސަ ބޮޑީއެއް އެކުލަވާނެ ލާނެ ކަމަށެވެ. ދިވެހިލީގް މުޅި ރާއްޖެއަށް ފުޅާ ކުރާނީ ސަރުކާރުން މިހާރު ރަށްރަށުގައި އަޅަމުންދާ ދަނޑުތަކާއި އަދި އެފްއޭއެމުން ކުރިއަށް އޮތް ދެ އަހަރު ތެރޭ އަޅާ ދަނޑުތަކުގައި ކަމަށެވެ. އެ ދަނޑުތައް ބިނާ ކުރާނީ ރޭގަނޑުވެސް މެޗު ކުޅެވޭނެ ފެންވަރަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެގޮތުން މޭލެ ސަރަހައްދުން ބޭރުގައި 14 ދަނޑެއް އެޅުމަށް ބޭނުންވާ ސާމުނު އޯގަސްޓް މަސް ނިމެންވާއިރަށް ދެކުނު ކޮރެއާއިން އަންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މަސައްކަތް ފެށުމަށް ފަހު ޓާގެޓަކީ ކޮންމެ 30 ދުވަހަކުން ދަނޑެއް އެޅުމުގެ މަސައްކަތް ނިންމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ކުރުމުގެ ބޭނުމަކީ 2023-2024 ސީޒަނުން ފެށިގެން ޕްރމިއާ ލީގަކީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ ޕްރިމިއާ ލީގަކަށް ވުން،" ބައްސާމް ވިދާޅުވި އެވެ. "އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ އަތޮޅު ތެރޭ މިއޮންނަ އަށް ޒޯނުން، ކޮންމެ ޒޯނަކުން ތަމްސީލު ކުރާ އަށް ޓީމު ޕްރިމިއާ ލީގަށް އަންނާނެ އަދި ހަމައެޔާ އެކީ މުޅި ރާއްޖޭގައި ދަތުރު ކޮށްގެން ހޯމް އެންޑް އަވޭ އުސޫލުން އިރާދަ ކުރެއްވިއްޔާ މި މުބާރާތް [ދިވެހި ލީގް] ކުޅެވިގެން ދާނީ."

އޭނާ ވިދާޅުވީ އާ ބޮޑަށް އިސްކަން ދެއްވާނީ ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ބިނާ ކޮށް ޑިވްލަޕްމެންޓް މަސައްކަތްތަކަށް ކަމަށެވެ. އަދި މި ހަތަރު އަހަރުތެރޭ އަންހެން ފުޓްބޯޅަ ލީގެއް ތައަރާފް ކުރާނެ ކަމަށް ބައްސާމް ވައުވެ ވަޑައިގެންނެވި އެވެ.