އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީގައި ހިޒުބުﷲ ޖަމާއަތަށް ތާއީދުކުރާ ބަޔަކު މިއަދު އަލިފާން ރޯކޮށްލައިފި އެވެ. އެމެރިކާއިން މި ހަފުތާގެ ތެރޭގައި ދިން ވައިގެ ހަމަލާއެއްގައި އިރާގުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތުގެ 25 މީހަކު ވަނީ މަރުވެފަ އެވެ.
އަލިފާން ރޯކުރީ އެ މީހުންގެ މަރަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެމްބަސީގައި އަލިފާން ރޯކުރީ އެމެރިކާއާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ.
އަލިފާން ރޯކުރުމުގެ ކުރިން އެމްބަސީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފަ އެވެ. އަލިފާން ރޮކޮށްލި ވަގުތު އެމްބަސީގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު ތިއްބެވެ. ހަމަލާދިން މީހުން ވަނީ އެމްބަސީގެ ކައުންޓަރު ކައިރިއަށް ގޮސް އެތިން މީހުން ބޭރުކުރަން ވެސް އެދިފަ އެވެ. އެކަމަށް އެމްބަސީން އިންކާރުކުރުމުން އަލިފާން ރޯކޮށްލާނެ ކަމުގެ އިންޒާރު ދިނެވެ. އަލިފާން ރޯކޮށްފައިވަނީ ކައުންޓަރު ކައިރީގަ އެވެ.
އެމްބަސީގެ ތެރެއަށް ވަނުމުގެ ކުރިން އަލިފާން ރޯކުރި މީހުން ވަނީ އެމްބަސީގެ ކާރުތަކަށް ވެސް ގެއްލުންދީފަ އެވެ. އެކަން ހުއްޓުވަން އެމްބަސީގެ މީހުން މަސައްކަތް ކުރުމުން އެމީހުނަށް ވެސް ވަނީ ހަމަލާދީފަ އެވެ. އެމްބަސީގައި ރޯކޮށްލި މީހުން ތިބީ ކެމަފްލާޖް ހެދުން ލައިގެން ކަމަށް އެމްބަސީގެ މުވައްޒިފުން ވަނީ ބުނެފަ އެވެ. އަދި އެމީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.