ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ހާލުކޮޅު މިއަދު ވަރަށް ރަނގަޅު: ޔުމްނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު މިއަދު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރޯގާގެ އާލާސްކަންފުޅެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް މައުމޫންގެ ހާލުކޮޅާ ގުޅޭގޮތުން މިރޭ މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު މިއަދު ވަރަށް ރަނގަޅު ކަމަށެވެ. އަދި ރައީސް މައުމޫނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޔުމްނާ ވަނީ ޝުކުރު ދަންނަވާފައެވެ.

"ރައީސް މައުމޫންގެ ހާލުކޮޅު މިއަދު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. އަލްޙަމްދުﷲ. ރައީސް މައުމޫނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވަން." ޔުމްނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރޯގާގެ އާލާސްކަންފުޅެއްގައި ރައީސް މައުމޫން އުޅުއްވާތާ ހަފުތާ އަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ރައީސް މައުމޫންނަށް 82 އަހަރު ފުރިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.